ކައިވެނިކޮށްގެން އުޅޭ އަންހެނަކު ސިއްރުން ގަލޮޅު ގެއެއްގެ ފާހަނާ ތެރެއަށް ވިހައިގެން، ދެމައިން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގ. ޑުރޫޕް ގޭގެ ފާހަނާ ތެރެއަށް ސިއްރުން ވިހެއީ ކ. ގުރައިދޫ، އާއުފާމަންޒިލް އައިމިނަތު އަޒުފާ އެވެ. އެ ދެ މައިން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ފާހާނާ ތެރޭގައި މިއަދު މެންދުރު ފަހު އަންހެނަކު ވިހެއި މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އަޒުފާގެ ގާތް މީހަކު ސަންއަށް ކިޔައިދިން ގޮތުގައި އޭނާ ފާހާނާ ތެރެއަށް ވިހެއީ ގޭގެ މީހުންނަށް އެކަން ސިއްރުކޮށްގެން އުޅޭތާ އެތައް ދުވަހެއް ފަހުނެވެ. އަދި އަޒްފާ ބަލިވެއިންކަން ޝައްކުކުރެވިގެން ގޭގެ މީހުން އެކަމާ ސުވާލު ކުރުމުން "އެއްކަމެއް ވެސް ނުވާ" ކަމަށް އަޒްފާ ބުނި ކަމަށެވެ.

ގ. ޑުރޫޕް ގޭގެ މީހުން ބުނީ އަޒްފާ ފާހާނާ ތެރެއަށް ވިހެއިކަން ފަޅާ އެރީ ކުޑަކުއްޖަކު މާ ބާރަށް ރޯއަޑު އިވިގެން ގޭގެ ފާހާނާ ބަލައި ޗެކް ކުރުމުން ކަމަށެވެ. އަދި އެވަގުތު އަޒްފާ ވެސް ފާހާނާ ތެރޭގައި ހުރި ކަމަށާއި ދަރިފުޅުގެ ބޮލާ ދިމާލުން ލޭ އަންނަމުން ދިޔަ ކަމަށެވެ.

"ވަރަށް ބާރަށް ރޯއަޑު އިވެމުންދިޔައީ، ދެން ފާހާނާ ބަލަންދިޔަ އިރު، މުޅި ފާހާނާ ތެރެއަށް ވަރަށް ގަދަޔަށް ފެންޖަހާ އަޑު އިވެމުން ވެސް ދިޔަ. ފުލުހުން އެ ކުއްޖާ ގެންދިޔައިރު ބޮލާ ދިމާލުން ލޭފާބަމުންދިޔަ،" ޑުރޫޕް ގޭގެ މީހަކު ސަން އަށް ކިޔައިދިނެވެ.

އަޒުފާގެ ބަލިވެއިދެ ވިހެއިރު، އޭނާގެ ފިރިމީހާ ހުރީ ޖަލުގަ އެވެ. އަދި އަޒްފާގެ ދެ ދަރިން ވެސް ހުރެ އެވެ.