22 Sep 2021, 00:15
އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ދިވެހިބަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރުކުރެއްވުމަކީ ދިވެހީންނަށް ލިބުނު ފަހުރެއްކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިރޭ ޔުމްނާ ވިދާޅުވީ ރައީސް ސޯލިހު ދިވެހިބަހުން ވާހަކަފުޅުދެއްކެވުމަކީ މި ދުވަސް ރަން އަކުރުން ފެވިގެންދާނެ ތާރީހީ ދުވަހަކަށްވެގެން ދިޔަ މުހިންމު ސަބަބެއްކަމަށެވެ.
"މިއަދަކީ ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް. އދ.ގެ އާންމު ބައްދަލުވުމުގެ ރިޔާސަތުގައި ދިވެއްސަކު އިންނަވައި، ރާއްޖޭގެ ރައީސް އެ މަޖިލީހުގައި ދިވެހި ބަހުން ތަގުރީރުކުރެއްވުމަކީ ރާއްޖެއަށާއި ހުރިހާ ދިވެހިންނަށް ލިބުނު ފަހުރެއް،" ޔުމްނާ ވިދާޅުވިއެވެ.
ހަމައެއާކު ދިވެހިބަހުގެ ކަންކަން ބަލަހައްޓާ ދިވެހިބަހުގެ އެކެޑަމީއިން ވެސް ވަނީ ރައީސް ދިވެހި ބަހުން ތަގުރީރުކުރެއްވުމާ ގުޅިގެން އެކަން ފާހަގަކޮށްފައެވެ.
"މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މި މަޖިލީހުގެ ރިޔާސަތާ މުހާތަބުކޮށް އަޅުގަނޑު މި ވާހަކަދައްކަނީ ދިވެހިންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަހަކަށްވި ދިވެހިބަހުން،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ މިއީ ރާއްޖެ ކިތަންމެ ކުޑަނަމަވެސް ދިވެހީން ކުޑަ ނޫންކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތުކަމަށެވެ. އަދި ދިވެހިން ފަހުރުވެރިވާ ވަގުތެއް ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގައި މިރޭ ރައީސް ތަގުރީރު ކުރައްވާފައިވާއިރު ރައީސްވަނީ ވަރަށް ގިނަ ދާއިރާތަކަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާއި، ކޮވިޑް19ގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވާފައިވަނީ ދިވެހިބަހުންނެވެ.
އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފެށިފައިވާއިރު މި 76ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.