ޖެނީވާ (ފެބްރުއަރީ 27) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވައްޓާލުމަށްޓަކައި މިދިޔަ އަހަރުގެ މާރޗް މަހުގެ 23 ގައި އެޤައުމުގެ ރައްޔިތުންފެށި މުޒާހަރާތަކާއި އިޙްތިޖާޖްތަކުގައި މިފެބްރުއަރީމަހުގެ 17 އާ ހަމައަށް 11250 މީހުން މަރާލާފައިވާ ކަމަށް އިންސާނީ ހައްޤުތަކާބެހޭ ރިޕޯޓެއް ބުނެފި އެވެ.

ޖެނީވާގައި މަރުކަޒު ހުންނަ "ތަރައްޤީއާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ނެޓްވާރކް" ޖަމާއަތުން ބުނިގޮތުގައި މިމުއްދަތުގައި ސޫރިޔާގައި މަރާލެވުނު 11250 މީހުންގެ ތެރެއިން 7938 މީހުންނަކީ ކުށެއްނެތް އާންމުންނެވެ. ބާކީ 3312 މީހުންނަކީ ސޫރިޔާގެ ސިފައިންނާއި ފުލުހުންގެ އިތުރުން އިދިކޮޅު މީހުންގެ ތެރޭގައި ހިމެނޭ ހަތިޔާރުއެޅި ފަރާތްތަކެވެ.

ސޫރިޔާގައި ހިނަމުންދާ ހަމަނުޖެހުންތަކުގައި އިދިކޮޅު މީހުންގެ ތެރޭގައި ހިމެނޭ ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ޙަމަލާތަކުގައި އާންމުންގެ 432 މީހުން މަރާލެވިފައިވާއިރު، ސަރުކާރު ސިފައިންގެ 1150 މީހަކާއި ފުލުހުންގެ 850 މީހަކުވެސް އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތަކުގައި މަރުވެފައިވާ ކަމަށް މިރިޕޯޓް ބުނެއެވެ. މިމުއްދަތުގެ ތެރޭގައި 618 ކުޑަކުއްޖަކު މަރާލެވިފައިވާ ކަމަށް މިރިޕޯޓް،ބުނެފައިވާއިރު މެރުމާއި އަނިޔާކުރުމުގެ ބިރުވެރި ޢަމަލުތަކުން ސޫރިޔާގެ ކުޑަކުދިން ޙިމާޔަތް ކުރުމުގައި ސަރުކާރު ފޭލްވެފައިވާކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުގެ އަމުރުތަކަށް ކިޔަމަންނުވާ ސިފައިން ހިފައިހައްޔަރުކޮށް ބަނުމަށްފަހު އެމީހުންގެ ބޮލަށް ބަޑިޖަހައި މަރަމުން ގެންދާކަމަށްވެސް މިރިޕޯޓް ބުނެއެވެ. މީގެއިތުރުން ސޫރިޔާގެ ހަމަނުޖެހުންތަކުގައި އެތަށް ހާސްބަޔަކު ޒަޚަމްވެ ބައެއްމީހުން ނުކުޅެދޭ ޙާލަތަށް ގޮސްފައިވާއިރު ސަރުކާރުގެ ސަލާމަތީ ބާރުތަކުންފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި،67 ހާހަށްވުރެ ގިނަމީހުން ހައްޔަރުކޮށް އޭގެތެރެއިން 32 ހާހެއްހާ މީހުން މިނިވަންކޮށްފައިވާ ކަމަށްވެސް މިރިޕޯޓް ބުނެ އެވެ.

ސޫރިޔާގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެތަށް ހާސްބައެއްގެ ގެދޮރު ގެއްލި މަގުމަތިވެފައިވާއިރު، ބައިލައްކައަށްވުރެ ގިނަ ސޫރިޔާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ތުރުކީ، ލުބްނާން، އަދި މިސްރަށް ހިޖްރަ ކޮށްފައިވާ ކަމަށްވެސް މިރިޕޯޓް ބުނެ އެވެ. (ނޫސްއެޖެންސީތައް)