ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު ދޮޅު އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ހުކުމްކުރުމުން އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް މިއަދު ހުކުމް ކުރުމުން އޭނާގެ ގޮނޑި ގެއްލިއްޖެ އެވެ.

ކްރިމިނަލް ކޯޓުން އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ 2008 ވަނަ އަހަރު، ކުރީގެ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓަށް ގަތް ކޮޅުވެއްޓިއެއް އިސްމާއިލް އަބްދުލް ހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓްމެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ.

އަދި އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބުނު ކަމަށް ބުނެ، އެޕްރީލް 28، 2008ގައި އެ ފައިސާ އެ ކުންފުންޏަށް ހޯދާދީފައި ވަނީ ކޮޅުވެއްޓި ރާއްޖެ އައުމުގެ އެއް އަހަރު ކުރިން ކަމަށެވެ. އަދި އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އެހެން ކަމުން އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައި ދެއްވިކަމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްމާއިލް އަބްދުލް ހަމީދު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއިދުކޮށް ހުކުމްކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމް އިލްތިމާސް ކުރުމަށް އިސްމާއިލް އަބްދުލް ހަމީދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު އިއްވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ޖުމްލަ ދެ ރައުޔެއް ނެރުއްވާފަ އެވެ.

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއިދުކޮށް ރައުޔު ނެރުއްވާފައި ވަނީ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރެކެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ރައުޔުގައިވާ ގޮތުން އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައި ދެއްވި ކަމުގެ ކުށް ސާބިތެއް ނުވެ އެވެ. މުއުތަސިމްގެ ރައުޔު އެގޮތަށް ނެރުއްވި ކަމަށް ވިޔަސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ރައުޔު ލިބިފައި ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ކަމަށް ވާތީ ގާނޫނު އަސާސީގައިވާ ގޮތުން އިސްމާއިލް އަބްދުލް ހަމީދުގެ ގޮނޑި ވަނީ ގެއްލިފަ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލުއުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ޝަރީއަތް ނިންމި ގޮތުގެ ލިޔެކިޔުންތައް ސުޕްރީމް ކޯޓުން ލިބުނުހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން އިއުލާން ކުރައްވާނެ ކަމަށެވެ.