27 Feb 2012, 16:04
ގއ. ކަނޑުހުޅުދޫ ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރެއްގެ ލެޕްޓޮޕެއް ވަގަށް ނެގި ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި މީހަކު ދޫކޮށްލުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ސުކޫލްގެ ގިނަ ބެލެނިވެރިން ރަށު ކައުންސިލްގެ އޮފީހަށް ވަދެ ހަޅުތާލު ކުރަން ފަށައިފި އެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ އިބުރާހިމް ދީދީ ވިދާޅުވީ މިއަދު މެންދުރެއް ހާއިރުއްސުރެ ކައުންސިލް އޮފީހަށް ވަދެގެން ތިބި ގިނަ އަދަދެއްގެ ބެލެނިވެރިން އެދެނީ ލެޕްޓޮޕް ވަގަށް ގެންދިޔަކަމަށް ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކޮށް ތަހުގީގު ކުރަން ކަމަށެވެ.
"ލެޕްޓޮޕް ވަގަށް ނެގުމުން، އެ ޓީޗަރު އުޅެނީ ރަށުން ފުރައިގެންދާން، އޭނާއާއެކު ރަށް ދޫކޮށްދާން އެހެން ޓީޗަރަކު ވެސް އެބަ އުޅޭ، ބެލެނިވެރިން މިކަމުގައި އެހާ ބޮޑަށް ކަންބޮޑުވެގެން އުޅެނީ އެހެންވެ، އެމީހުން އެދެމުން ދަނީ ފުލުހުންނަށް ދަންނަވައިގެން އެ މައްސަލައިގެ ތަހުގީގު އަވަސް ކޮށްދިނުމަށް،" އަބްދުﷲ ވިދާޅުވި އެވެ.
ކައުންސިލްގެ އޮފީސް ތެރެއަށް ބެލެނިވެރިން ވަދެ އެތަނުގައި ތިބި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
އަބްދުﷲ ވިދާޅުވީ ބިދޭސީ ޓީޗަރުގެ ލެޕްޓޮޕް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ރޭ އެރަށުން މީހަކު ހައްޔަރުކޮށް ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށާއި ނަމަވެސް ގެންދިޔަތާ ގިނަ އިރެއްނުވެ ދޫކޮށްލާފައިވާ ކަމަށެވެ.
ބެލެނިވެރިންގެ ޝަކުވާތަކާ ގުޅިގެން ރަށު ކައުންސިލުން އެ މައްސަލަ އަވަހަށް ތަހުގީގުކޮށްދެއްވުން އެދި ގއ. އަތޮޅު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ސަދަން ކޮމާންޑަރުންނަށް، ރަށު ކައުންސިލުން ދަންނަވާފައި ވާނެ ކަމައްވެސް އަބްދުﷲ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ލެޕްޓޮޕް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލަންޖެހުނީ ދަތުރުފަތުގެ ކަންތައް ހުރި ގޮތުން ކަމަށާއި އަދި ކައިރި ރަށެއްގައި ގާޒީއެއް ނެތުމުން 24 ގަޑިއިރަށް ވުރެ އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓް އަމުރެއް ނުހޯދިގެން ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހާ އަލުން ހައްޔަރުކުރުމަށް ފުލުހުން މިހާރު އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމައް ފުލުހުން ބުންޏެވެ.