27 Feb 2012, 15:52
ކައުންސިލަރު ކަމުން ވަކިކުރަން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ދެއްކި އުޒުރުތައް ދޮގުކޮށް، ޕީޕީއެމްގެ އޮފީހުގައި ނ. މާފަރު ކައުންސިލަރު އެމްޑީޕީ އަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާފަރު ކައުންސިލްގެ ރައީސް އަންވަރު އަބްދުލް ޣަނީ މިއަދު ވިދާޅުވީ އޭނާ ކައުންސިލަރު ކަމުން ވަކިނުކޮށްފި ނަމަ އެމްޑީޕީން ވަކިވާނެ ކަމަށް އެމްޑީޕީގެ މާފަރު ގޮފީގެ މެންބަރުން ސޮއިކޮށްފައިވާ ޕެޓިޝަނަކީ ސައްހަ ޕެޓިޝަނެއް ނޫން ކަމަށެވެ. އެއީ މާފަރު އެމްޑީޕީގެ އެކްޓިވިސްޓުން އެކި މީހުންގެ އައިޑީކާޑު ފޯޖްކޮށްގެން ]މަކަރުހަދައިގެން[ ހަދާފައިވާ ޕެޓިޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިޑީކާޑު ފޯޖްކޮށްފައިވާ ކަން އަޅުގަނޑުމެން ވާނީ އެމްޑީޕީގެ އޮފީހަށް އަންގާފައި. އޮޅުވާލައިގެން ޕެޓިޝަންގައި ސޮއިކޮށްފައިވާ މީހުންގެ ނަންތައް ވެސް ހުރި. އެ މީހުން ވެސް އަމިއްލައަށް ވަކިވަކިން ސިޓީ ފޮނުވާފައި ވަނީ އެ މީހުން ޕެޓިޝަންގައި ސޮއި ނުކުރާ ކަމަށް ބުނެފައި،" މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަބްދުލް ޣަނީގެ ކޮއްކޮ އަދި އަކުރަމް އަބްދުލް ގަނީގެ ބޭބެ، އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ އިސްވެރިން މާފަރާ މުއާމަލާތް ކުރަމުންދަނީ ރަށުގެ އެމްޑީޕީގެ އެކްޓިވިސްޓުން ލައްވައި ކަމަށާއި ކައުންސިލް އިދާރާގައި ތިއްބަވާ އެމްޑީޕީގެ ކައުންސިލަރުންނާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށެވެ.
އަންވަރު ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އިން ފެށިގެން އެމްޑީޕީގެ އެކި ގުނަވަންތަކުން އޭނާ ކައުންސިލަރު ކަމުން އިސްތިއުފާ ދިނުމަށް އެދި ތަފާތު އެކި އިންޒާރު ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ނުފޫޒާއި ބާރުގެ ދަށުގައި ފިތިގެން ކައުންސިލް އިދާރާގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.
"ކައުންސިލަރުން އިންތިހާބުވުމަށް ފަހު، ރަށްރަށުގައި ތިބޭ، އެކްޓިވިސްޓުންގެ ނުފޫޒުން ފިތިގެން އެތާ ތިބޭކަށް އަޅުގަނޑު ބޭނުމެއް ނުވޭ. އަޅުގަނޑަށް ތަފާތު ގޮތްގޮތުން އިންޒާރު ދެމުން ޕާޓީގެ ޕޮލިސީ ލެވަލް އިން ޗެއާޕާސަން އިން ފެށިގެން، ފިޔަވަޅު އަޅާ ކޮމެޓީން ސިޓީ ފޮނުވާފައި އެބަހުރު. އިސްތިއުފާ ދިނުމަށާއި ކައުންސިލަރު ކަމުން ވަކިކުރާނެ ކަމަށާއި އެފަދަ ސިޓީ ފޮނުވާފައި އެބަހުރި. އެހެންވީމަ އެގޮތަށް މަސައްކަތް ކުރަން އަޅުގަނޑު ބޭނުމެއް ނުވޭ،" އެމްޑީޕީގެ ޓިކެޓްގައި މާފަރު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ އޭނާ އެމްޑީޕީން ވަކިކުރުމަށް ނިންމި ކަމުގެ ހަބަރު ލިބުނު ނަމަވެސް، އަދި އެމްޑީޕީގެ ދަފުތަރުން އަދި ވަކިނުކުރާ ކަމަށެވެ. އެމްޑީޕީން އެނާ ވަކިކޮށްފި ނަމަ، ލާމަރުކަޒީ ގާނޫނުގެ ދަށުން ހަދާފައިވާ ގައިދުތަކާ އެއްގޮތަށް އޭނާގެ ގޮނޑި ގެއްލޭނެ އެވެ. ގޮނޑި ހުސްވުމާ އެކު 45 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވައި ކައުންސިލަރަކު ހޮވަންވާނެ އެވެ.