27 Feb 2012, 15:04
ރޭ އައްޑޫ ސިޓީގައި ހިންގި ބައެއް ހަމަނުޖެހުން ތަކުގެ ތެރެއިން އެ ސިޓީގައި ހުންނަ އެމްޑީޕީގެ ބައެއް ހަރުގެތަކަށް ގެއްލުންދީ ޕާޓީގެ ބައެއް މެންބަރުންނަށް ބަޔަކު ރޭ އަނިޔާކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އައްޑޫ އެމްޑީޕީ ގޮފިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ހިތަދޫގައި ހުންނަ އެމްޑީޕީގެ މައި ހަރުގެއަށާއި ފޭދޫގައި ހުންނަ ޕާޓީގެ ހަރުގެއަށް ގެއްލުންދިނީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ކަމަށެވެ. އަދި އެވަގުތު ހަރުގޭގައި ތިބި އެމްޑީޕީގެ މެންބަރުންނަށް އަނިޔާކޮށްފައިވާ ކަމައްވެސް އެ ބަޔާނުގައިވެ އެވެ.
"ފުލުހުންނާއި، ސިފައިންގެ ޔުނީފޯރމްގައި ތިބި ބަޔަކު އައިސް، ހަރުގޭގައި ހުންނަ އޮފީހުގެ ބިއްލޫރިތައް ތަޅާލުމަށްފަހު ހަރުގެ ތެރެއަށް ވަދެ، ކަރުނަގޭސް ޖަހައި، ހަރުގޭގައި ތިބި އެމްޑީޕީގެ މެންބަރުންގެ ގައިގައި ތަޅައި، ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެ ހަރުގޭގައި ހުރި ތަކެއްޗާއި އިމާރާތަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންދީ، އެ ހަރުގެ ކައިރީގައި ހުރި އާންމު ރައްޔިތުންގެ ސައިކަލްތަކަށް ވެސް ގެއްލުންދީފައިވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނަނީ ސާކް ސަމިޓަށް މަރަދޫގައި އެޅި ސްޓޭޖް، ސިފައިންނާއި ފުލުހުން ތަޅާލާފައިވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާތާރުން ކުށްވެރި ކުރާކަމަށެވެ.
އެމްޑީޕީން ފުލުހުންނާ ސިފައިންގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ ހިތަދޫ ހަރުގެއަށް ރޭ އެއްވެސް ފުލުހަކު ގެއްލުންދީފައިނުވާ ކަމަށެވެ. އަދި ފުލުންގެ ޔުނީފޯމްގައި ތިބެ އެ ހަރުގެއަށް ގެއްލުންދީފައިވާ ކަމުގެ މައްސަލައެއް ވެސް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.
"އެމްޑީޕީ ހަރުގެއަށް ގެއްލުންދިން ކަމަށާއި ބައެއް މީހުންނަށް އަނިޔާ ކުރިކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް." ޝިޔާމް ވިދާޅުވި އެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑުއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ރޭ ހިތަދޫ ޝަރަފުއްދީން ސުކޫލްގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދެވި ވަގުތު އެމްޑީޕީ މެންބަރުންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައި ފުލުހަކައްވެސް އަނިޔާވެފަ އެވެ.
މި ހަމަ ނުޖެހުންތަކުގައި ފުލުހުން އާދަޔާ ހިފާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ މިއަދު ތުހުމަތު ކޮށްފަ އެވެ.
"ސުލްހަވެރިކަމާއެކު އިޙްތިޖާޖްކުރަމުން ދިޔަ ބަޔަކާ ދެކޮޅަށް އެކަށީގެން ނުވާ ބާރުގެ ބޭނުން ސަލާމަތީ ބާރުތަކުން ކޮށްފައިވާކަން އެމްޑީޕީ އައްޑޫ ސިޓީ އިން ހިތާމައާއި އެކު ފާހަގަކުރަމެވެ. އެ ގޮތުން ކުޑަކުއްޖަކަށް، އަންހެނަކަށް، އުމުރުން ދުވަސްވީ މީހަކަށް ބެލުމެއްނެތި، ސަލާމަތީ ބާރުތަކުން ޕެޕާރސްޕްރޭ އާއި މުގުރު ބޭނުންކޮށް، އާންމު ރައްޔިތުންނަށް އަނިޔާކޮށްފައިވާކަން ކަންބޮޑުވުމާއި އެކު ފާހަގަކުރަމެވެ." އެ ބަޔާނުގައިވެ އެވެ.
ފުލުހުން ރޭ ބުނީ ފުލުހުން ބާރުގެ ބޭނުން ކުރީ ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ފުލުހުންގެ ސަފުތައް ފަޅާލައި ބަޔަކު މީހުން ވަންނަން މަސައްކަތް ކުރުމުން ކަމަށާއި އެ ގަޑީގައި ވެސް ބާރުގެ ބޭނުން ކުރީ ހަމަނުޖެހުމުގެ ކުޑަ ބޮޑުމިނަށް ބަލައިގެން ހާލަތާ އެކަށީގެންވާ މިންވަރަށް ކަމަށެވެ.