ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާއާ ގުޅުވައި ދެއްކެވި ވާހަކަތައް ތަހުގީގު ކުރުމަށާއި އެ ތަހުގީގު ނިމެންދެން ރައީސްކަމުގެ މަގާމުން އެމަނިކުފާނު އެކަހެރި ކުރުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރެހެންދި ފްލެޓްގައި އަހްމަދު އަދީބު ދިރިއުޅުއްވި އެޕާޓްމެންޓުން ކަޅު ދަބަހެއްގައި ރައީސް ސޯލިހު، 35 މިލިއަނަށްވުރެ ގިނަ ފައިސާ ގެންދެވި ކަމަށް ވިދާޅުވެފައެވެ.

އަލީ މިހެން ވިދާޅުވުމާ ގުޅިގެން ހުށަހަޅައިފައިވާ ކުއްލި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާއަށް މިފަދަ ބޮޑެތި ތުހުމަތުތައް ކުރެވެމުން އަންނާތީ މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަދި ތަހުގީގު ނިމެންދެން ރައީސް އެމަނިކުފާނުގެ މަގާމުން އެކަހެރިވެވަޑައިގަންނަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އިދިކޮޅުން ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތާވަލްކޮށްފައެއް ނުވެއެވެ.