27 Feb 2012, 13:33
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޝަރީފު އިސްތިއުފާ ދެއްވުމަށް ސިޓީ ފޮނުއްވިކަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ސަން އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ޝަރީފު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވި ސަބަބު ލިއުއްވާފައި ނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ޝަރީފު އެދިވަޑައިގެންފައިވާ ގޮތަށް ދޫކުރައްވާނެ ކަމަށެވެ.
ތިމަރަފުއްޓަށް އުފަން ޝަރީފު އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ މި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުއްވި، އެމްޑީޕީ އަށް ނިސްބަތްވާ މުހައްމަދު މުސްތަފާގެ ގޮނޑި، ސާބިތު ދަރަންޏެއްގެ މައްސަލާގައި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ނަމަވެސް ޝަރީފުގެ އިސްތިއުފާގެ ފަހަތުގައި ވަނީ އެ ގޮނޑިއަށް ކުރިމަތިލެއްވުން ކަން ސަން އަށް ވަނީ ކަށަވަރު ނުކުރެވިފަ އެވެ.
އެ ގޮނޑީގެ އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހު 14 ވަނަ ދުވަހު އެވެ.
ޝަރީފަކީ ސިޔާސީ ޕާޓީ، ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން ވަޒީފާ އަދާ ކުރެއްވީ ޕްރިންސިޕަލްއެއްގެ ގޮތުގައި ތައުލީމީ ދާއިރާގަ އެވެ.