21 Sep 2021, 10:51
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި، އޭނާއަށް ޖިންސީ ގޯނާކުރެވިފައިވަނީ ކާކަށްކަމެއް ދައުލަތަށް ބުނެދެވިފައި ނުވާކަމަށާއި، އޭނާ އެކަން ނުކުރައްވާކަމަށާއި އެހެންކަމުން އޭނާއަށް ވެސް އެއީ ކޮންބައެއްކަން އެނގިވަޑައިނުގަންނަވާކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ އެފަދަ ކަމެއްކޮށްފައިވާކަމަށް ދައުލަތުން ބުނާއިރު އޭނާއަށް އެއީ ކޮންބައެއްކަން ނުބުނެދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި އެެއީ ކޮންބައެއްކަން އެނގުމަކީ އޭނާގެ ހައްގެއްކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގެންޖެހޭ ދެއްތޯ އަޅުގަނޑު ކާކާކަން ބެހުނީ. އަޅުގަނޑުގެ ޖިންސީ ގުނަވަން ދެއްކިއްޔާ ފެނުނު މީހެއް ހުންނަންވާނެ ނޫންތޯ. ދެއްކި ތަނެއް ހުންނަންވާނެ ނޫންތޯ. އަދިވެސް އަލީ ވަހީދަކަށް ނޭނގޭ އަލީ ވަހީދު ކާކާކަމެއް ބެހުނީ. ފިރިހެނަކާކަމެއް، އަންހެނަކާކަމެއް، ބުޅަލަކާކަމެއް، މީދަލަކާކަމެއް ވެސް ނޭނގެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާގެ މައްޗަށް 15 މީހަކާ ބެހުނުކަމުގެ ތުހުމަތުކުރާއިރު އެ 15 މީހަކު ވެސް ފެންނަން ހުންނަންވާނެކަމަށެވެ. އަދި އެއްވެސް ކަމަކަަށް އިއުތިރާޒް ކުރެއްވޭނީ ވެސް އެއީ ކޮންބައެއްކަން އެނގިގެންކަމަށް އޭނާ ވިދާޅުވިއެވެ.
"މީހަކު އަނދިރި ކޮޓަރިއަަކަށް ލާފައި ކަރު ބުރިކޮށްލިއަސް މާ ރަނގަޅުވާނެ ނޫންތޯ މިހެން ޑްރާމާ ކުޅުމަށްވުރެ،" އަލީ ވިދާޅުވިއެވެ.
އަލީ އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް ހިންގާ ޖިންސީ ގޯނާގެ މައްސަލައިގެ ފަހަތުގައި ތިބީ ސިޔާސީ ބައެއްކަމަށެވެ. އަދި އޭނާ ފްރޭމްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ފިރިހެނުންތަކެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފަނަރަ އަންހެނުން ފަހަތުން ވެސް ފަނަރަ ފިރިހެނުން ފަހަތުން ވެސް ގޮސްފަކާ ނޯންނާނެ. އޮތިއްޔާ ނެރެދެއްވާ،" އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި ހަމަ ބުއްދި ފިލާވަރުގެ އެއްވެސްކަމެއް ކުރެއްވި ބޭފުޅެއްނޫންކަމަށެވެ.
"އަޅުގަނޑަކީ ރާ ބޯ މީހެއް ނޫނޭ. ނަގަންވީ ދުނިޔޭގެ ކޮންމެ ލެބަކުން ޑީއެންއޭއާ ބްލަޑް ސާމްޕަލްއާ. ދުވަހަކު ރާ ބޮއެފަ ނުހުންނާނެ. ރާއްޖޭގެ ކިތައް ސިޔާސީ މީހުންނަށްތޯ ކެރޭނީ މިގޮތަށް ދުވަހަކު ރާ ނުބޯކަމަށް ބްލަޑް ސާމްޕަލް ދޭން،" އޭނާ ވިދާޅުވިއެވެ.
ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވިދާޅުވީ އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރީ އޭނާ މިނިސްޓަރުކަމުގެ މަގާމުން ދުރުކުރުމަށް ކަމަށެވެ. އަދި އެއީ އޭނާ ފްރޭމްކޮށްގެން ހިންގާ ޖަރީމާއެއްގެ ގޮތުގައި އެކަން ސިފަކުރެއްވިއެވެ.