21 Sep 2021, 08:45
ބޮލީވުޑު ތަރި ޝިލްޕާ ޝެއްޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔަ ރާޖް ކުންދްރަ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ރާޖް ހައްޔަރުކޮށްފައިވަނީ ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް އެޕްއެއްގައި ލީކު ކޮށްލި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގަ އެވެ.
އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާޖް ޖަލުން މިނިވަން ވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ކަފާލާތުގެ ދަށުން ރާޖް ދޫކޮށްލަން މުމްބާއީ ކޯޓުން ނިންމައިފައިވަނީ 50،000 ރުފިޔާގެ ފީއަކާއެކުގަ އެވެ.
ކޯޓުގައި ރާޖް ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އޭނާ ވަނީ ވަރަށް ބޮޑަށް ފްރޭމްކޮށްފަ އެވެ. އަދި އޭނާ އެކަމުގައި ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް ވެސް ރާޖް ބުނެފައިވެ އެވެ.
މި މައްސަލައިގައި ރާޖް ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެވެ.
ރާޖް ހައްޔަރުކުރި މައްސަލައިގައި މިހާތަނަށް ޝިލްޕާ ވަކި ކޮޅަކަށް ބުރަވެ، ވާހަކަ ދައްކާފައެއް ނުވެ އެވެ. ނަމަވެސް އިންޑިއާގެ މީޑިއާތަކުން ޝިލްޕާގެ ވިސްނުން ހުރީ ރާޖްއާ ވަކިވާން ކަމަށް ރިޕޯޓު ކުރުމުން ޝިލްޕާ އެކަމާ ނުރުހުން ފާޅުކޮށްފައިވެ އެވެ.
ޝިލްޕާއާއި ރާޖް ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް 12 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ދެ ކުދިން ވަނީ ލިބިފަ އެވެ. އެގޮތުން ދޮށީ ދަރި ވިވާނަށް މިހާރު ނުވަ އަހަރު ފުރިފައިވާއިރު ސަމީޝާއަށް އަދި ފުރުނީ އަހަރެކެވެ.