ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތޮފާ) ފަނޑިޔާރުންނަށް ބިރުދެއްކި މައްސަލަ ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވައިގެން ތަހުގީ ކުރަން ފެންނަކަމަށް ޕީޖީ އޮފީހުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގައިފި އެވެ.

ޕީޖީ އޮފީހުން އެގޮތަށް އަންގާފައި ވަނީ ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި މުސްތަފާ ފަނޑިޔާރުނަށް ބިރުދައްކާފައިވާތީ، މުސްތަފާއާމެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޕީޖީ އޮފީހުގައި އެދުމުންނެވެ.

ޖުޑީޝަރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް (ލަތީ) މިއަދު ވިދާޅުވީ މުސްތަފާ ފަނޑިޔާރުންނަށް ބިރުދެއްކުމާ ގުޅިގެން ޑިޕާޓްމަންޓުން ޕީޖީއަށް ފޮނުވި މައްސަލައިގެ ޖަވާބުގައި ތަހުގީގު ކުރާ އިދާރާއަކަށް ހުށަހަޅައިގެން އެ މައްސަލަ ތަހުގީގު ކުރަން ފެންނަކަމަށް ޕީޖީ ވިދާޅުވެފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރާ އިދާރާއިން އެ މައްސަލަ ތަހުގީގު ނުކުރާނަމަ އެކަން ޕީޖީއަށް އެންގުމަށް ވެސް އެދިފައިވާ ކަމަށް ލަތީ ވިދާޅުވި އެވެ.

ޕީޖީން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދީފައިވާ ޖަވާބުގައި ބުނަނީ "... ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު މުސްތޮފާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އިންޒާރެއް ދެއްވި ކަމަށް ތިޔަ ޑިޕާޓްމަންޓަށް ތުހުމަތު ކުރެވޭނަމަ އެ މައްސަލަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ހުށަހަޅައިގެން ކުރިޔަށް ގެންދެވުން ރަނގަޅު ކަމަށް ފެނެ އެވެ. އަދި އެފަދަ އިދާރާއަކުން އެ މައްސަލަ ބައްލަވައި ނުގެންފިނަމަ އެކަން އެނގޭނެ ހަރަދަނާ ގޮތަކާއެކު މި އޮފީހަށް ހުށަހެޅުމުން އެކަމާމެދު މިއޮފީހުން އެޅެން ހުރި ގާނޫނީ ފިޔަވަޅު އެޅިދާނެ" ކަމަށެވެ.


ސުޕްރީމް ކޯޓުން މުސްތަފާގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި މުޒާހަރާއެއްގައި ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް އެއްކަމެއް ވެސް ނުކުރެވޭނެ ކަމަށާއި އޭނާގެ މައްޗަށް ގާނޫނާ ޚިލާފު ހުކުމެއް ކޮށްފިނަމަ އެ ފަނޑިޔާރަކަށް ރާއްޖޭގައި ނޫޅުއްވޭނެ ކަމަށެވެ.