19:00


ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމަށް މިހާރު އޮތް ޝަރުއީ ނިޒާމް ނުކުޅެދިފައިވާ ކަމަށް ބުނެ އެމްޑީޕީން "ރައްޔިތުންގެ ކޯޓު" ހުޅުވައިފި އެވެ.


ސުނާމީ ބިނާ ސަރަހައްދުގައި މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު ބޭއްވި އެމްޑީޕީގެ އެއްވުމެއްގައި ރައްޔިތުންގެ ކޯޓު ހުޅުވައިދެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.


ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށެނީ ވެސް އަދި ނިމެނީވެސް ރައްޔިތުންނަށްކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ، ރައްޔިތުންގެ ކޯޓުގައި ކޮންމެ ރައްޔިތަކީ ވެސް ފަނޑިޔާރެއް ކަމަށާއި އެ ކޯޓުން އިއްވާ ކޮންމެ ހުކުމެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަންފީޒުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.


ރައްޔިތުންގެ ކޯޓުގެ ފުރަތަމަ ހުކުމް އިއްވަވަމުން މޫސަ ވިދާޅުވީ، މިހާރުން ފެށިގެން ދައުލަތުގެ ހުރިހާ ބާރުތަކެއް އޮންނަންވާނީ ވެރިކަން ކުރާ ބާރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ކަމަށެވެ. އަދި ދައުލަތުގެ އަނެއް ދެ ބާރު ކަމުގައި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ނުފޫޒު ފޯރާ، އިންސާފު ގާއިމްކުރުމަށް ނުކުޅެދިފައިވާތީ، މިއަދުން ފެށިގެން އެ ބާރުތަކުން އަންގާ އެއްވެސް އެންގުމަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް މޫސަ އިއްވެވި ހުކުމުގައިވެ އެވެ.


ރައްޔިތުންގެ ކޯޓު އެމްޑީޕީން ހުޅުވާފައި މިވަނީ، ގައުމުން ކޮރަޕްޝަން ނައްތާލުމަށާއި ރިޝްވަތުގެ ތުހުމަތު ކުރެވިގެން ހައްޔަރުކޮށް، މިހާރު ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ދޫކޮށްލާފައިވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް ހައްޔަރުކުރުމަށް ގޮވާލާ، އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާގައި، ކޯޓުތަކުން އިންސާފު ގާއިމް ނުކުރެވޭނެ ނަމަ 'ރައްޔިތުންގެ ކޯޓު' ހުޅުވާނެ ކަމަށް އެ ޕާޓީން އިންޒާރު ދިންތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.


އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެއްވުމުގައި މޫސަ އިތުރަށް ވިދާޅުވެފައި ވަނީ، އެމްޑީޕީން އާޓިފިޝަލް ބީޗުގައި ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި، ބަޔަކު ހަމަނުޖެހުން ހިންގާ، ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ބަޔަކު ކަނޑި ހިފައިގެން ތިބި މަންޒަރު އޭނާ ދެކެވަޑައިގެންނެވި ކަމަށެވެ. އަދި އެކަން ތަހުގީގުކޮށްދެއްވުމަށް ސަލާމަތީ ބާރުތަކުގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.