27 Feb 2012, 12:40
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މިއަދު ފުވައްމުލަކަށް ވަޑައިގެންނަވައިފި އެވެ.
އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގަތުމުން ފުވައްމުލުކުގެ ކައުންސިލްގެ މެންބަރުންނާއި ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
ފުވައްމުލަކުގެ ބަނދަރުން ގިނަ އަދަދެއްގެ ބަޔަކާ ސަލާމްކުރެއްވުމަށް ފަހު އެމަނިކުފާނު ވަޑައިގެންނެވީ ފުވައްމުލަކު ހޮސްޕިޓަލަށެވެ. އެހޮސްޕިޓަލަށް ވަޑައިގެން ބަލިމީހުންގެ ހާލުބައްލަވަލެއްވުމަށް ފަހު ހެލްތު ކޯޕަރޭޝަނުގެ މެންބަރުންނާ މަޝްވަރާ ކުރެއްވެވި އެވެ.
ރައީސުލްޖުމުހޫރީއްޔާ މިއަދު ހަވީރު ފުވައްމުލަކު ޑިޓޮކްސް ސެންޓަރު ހުޅުވައި ދެއްވުމުގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމުހޫރިއްޔާ ފުވައްމުލަކަށް ވަޑައިގަތުމުގެ ކުރިން އިއްޔެ ވަނީ އައްޑޫ ސިޓީގެ ރަށްރަށަށް ޒިޔާރަތްކުރަށްވައި މިމަހުގެ އަށް ވަނަ ދުވަހު އެ ރަށުގައި ހުޅުޖަހައި ރޯކޮށްލި ކޯޓުތަކާއި ފޮލިސް ސްޓޭޝަން ތައް ބައްލަވައިލައްވައިފަ އެވެ.