20 Sep 2021, 16:27
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ސިވިލް ސާވިސް މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް އުނިކޮށް، މުސާރަކުޑަކުރަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ދިވެހި ސިވިލް ސާވިސް ގާނޫނުގައި ބުނާފަދައިން ސަރުކާރު ހިންގުމުގެ މައިގަނޑު މަސައްކަތްތައް ކުރާ މުވައްޒަފުން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މުވައްޒަފުންނާ މެދު އަމަލުކުރަމުން އަންނަނީ ދެވަނަ ދަރަޖައިގެ މުވައްޒަފުންގެ ގޮތުގައި ކަމަށެވެ.
ހަމައެހެންމެ އެމްޑީޕީ ކޮންމެ ސަރުކާރަކުން ވެސް ސިވިލް ސާވިސް މުވައްޒަފުންގެ އިނާޔާތްތަކުން ބައެއް އުނިކުރާކަން ފާހަގަކޮށްފައިވެއެވެ.
"2008 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީގެ ސަރުކާރާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް އުނިކޮށްލިއެވެ. އެމުސާރަތައް އިއާދަކޮށްދިނުމަށް ކޯޓުތަކުން ހުކުމް ކުރުމުންވެސް ރައީސް ނަޝީދުގެ އޭރުގެ އެމްޑީޕީ ސަރުކާރުން އެކަން ކޮށްފައެއް ނުވެއެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތް ނަމަވެސް ފެނިގެންދަނީ އެހެން މަންޒަރެއް ކަމަށެވެ.
"އެވައުދުތައް ފުއްދުމުގެ ބަދަލުގައި ފެނިގެންދަނީ މަތިމައްޗަށް ސިޔާސީ މަގާމުތައް އުފައްދައި ދައުލަތުގެ ޚަޒާނާ އެމަނިކުފާނުގެ އަމިއްލަ ޖާހު ބޮޑުކުރުމަށް ހޭދަކުރާ މަންޒަރެވެ. އެއްވެސް މަސްއޫލިއްޔަތެއް އަދި މަސައްކަތެއް ނެތި ސިޔާސީ އެތައް މަޤާމެއް އުފައްދާފައިވެއެވެ." ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓުތަކުން ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަކުރި ބައެއް ފްލެޓުތައް ވެސް ދީފައި ނުވާ ކަމަށާއި އެ ފްލެޓުތައް ރައީސް ސޯލިހުގެ ސިޔާސީ މަންފާއަށް އެމަނިކުފާނުގެ ގާތް މީހުންނަށް ބަހާލައިފައިވާ ކަމަށް ބުނެފައިވެއެވެ.
އިދިކޮޅުން އިތުރަށް ބުނީ ސިވިލް ސާވިސްގައި ހިމެނޭ ގިނަ ޢަދަދެއްގެ މުވައްޒަފުން މިއަދު އޮފީސް މާޙައުލުގައި މަސައްކަތްކުރަމުން ގެންދަނީ ވަޒީފާގެ ބިރުވެރިކަމާއި ސަރުކާރުގެ ވެރިންގެ ޖިންސީ ފުރައްސާރައިގެ ބިރުވެރިކަމުގައި ތިބެކަމަށެވެ.
އިދިކޮޅުން ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް އިއާދަކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.