20 Sep 2021, 16:20
އަންނަ މަހު ރާއްޖޭގައި ފަށައި ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް، އުރީދޫ މޯލްޑިވްސް އިން ނަގައިފިއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ބޮޑު މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް ދިވެހި ރާއްޖޭގެ އެއް ނަންބަރު މުވާސަލާތީ ކުންފުނިން ނެގިކަން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އެއާ އެކު އުރީދޫ ވެގެން ގޮސްފައިވަނީ މި ފަޙުރުވެރި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ހޯދި ރާއްޖެއަށް ނިސްބަތްވާ ފުރަތަމަ ކުންފުންޏަށެވެ.
"ފުޓުބޯޅައަކީ އަޅުގަނޑުމެން ދިވެހިންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެއް. ހަމަ އެހެންމެ އުރީދޫއާވެސް ވަރަށް ގާތް ކުޅިވަރެއް. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވުމީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ފަޚުރުވެރިވާކަމެއް. ގައުމީ ފޯރީގައި ބައިވެރިވެ، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި، ފޯރިއާއެކު ކުލަގަދަކޮށް މި މުބާރާތް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އަޅުގަނޑުމެން މިތިބީ އަތުކުރި އޮޅާލައިގެން،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވިއެވެ.
އުރީދޫއިން މި ހޯދި ޝަރަފުވެރި ސްޕޮންޝިޕާ އެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމަކަށް ބޭނުން ކުރާނީ "އޫރީދޫ ސާފް ޗެމްޕިއަންޝްޕް"، މިފަދައިންނެވެ.
މީގެ ކުރީ ދެ ސާފް ޗެމްޕިއަންޝިޕް، 2015 އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ ޖަޕާނުގެ ސުޒުކީ ކުންފުންޏެވެ. އެ ދެ މުބާރާތް ބޭއްވީ "ސާފް ސުޒުކީ ކަޕް" ގެ ނަމުގައެވެ. އޭގެ ކުރިން 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި މުބާރާތް ބޭއްވީ ކޮކާކޯލާ އިން ސްޕޮންސާކޮށްގެން، ސާފް ކޮކާކޯލާ ކަޕުގެ ނަމުގައެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ އިރު މިއީ އެ މުބާރާތް ރާއްޖޭގެ ފަސްގަނޑުގައި ބާއްވާ ދެވަނަ ފަހަރެވެ. މި މުބާރާތުގެ ތަށި މުޅިން އަލަށް ރާއްޖެ އުފުލާލި 2008 ވަނަ އަހަރުގެ މުބާރާތުގެ ބައެއް މެޗުތައް ރާއްޖޭގައި ވަނީ ކުޅެފައެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ އަވަށްޓެރި ސްރީލަންކާއާ ގުޅިގެންނެވެ.
މި މުބާރާތް ވެގެންދާނީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ.