20 Sep 2021, 16:07
ނިމިގެންދިޔަ ޓްރާންސްްފާ މާކެޓުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި އާޖެންޓީނާގެ ލިއޮނެލް މެސީ ރޭ ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުރީ އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް އެ ޓީމުގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
މެސީ ޕީއެސްޖީއަށް ބަދަލުވުމަށްފަހު ކުޅުނު ތިންވަނަ މެޗުގައި ރޭ އޭނާ ވަނީ ދެވަނަ ހާފުގެ މެދަކާ ހަމައިން ބަދަލުކޮށްފައެވެ. ދެ ޓީމު ވެސް އެއް ގޯލާ އެކު މޮޅަކަށް ހަނގުރާމަ ކުރަމުން ދިޔަވަގުތު މެސީ ބަދަލު ކުރުމުން އޭނާގެ މޫނުމަތިން ވަނީ މާޔޫސްކަން ފެނިފައެވެ. އަދި އޭނާ ފައިބައިގެން ދަމުން ދިޔައީ ކޯޗު ޕޮޗެޓީނޯއާ ސަލާމް ވެސް ނުކޮށެވެ.
ޕީއެސްޖީއަށް ބަދަލުވުމަށްފަހު މެސީއަށް މިހާތަނަށް އެއްވެސް ގޯލެއް ޖެހިފައި ނުވާ އިރު، ރޭގެ މެޗުގައި ޖުމުލަކޮށް އޭނާ ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. މެޗުގައި ހަ ޝޮޓެއް މެސީ ހެދިއިރު، މިފަހަރުގެ ލީގުގައި އެންމެ ގިނަ ޝޮޓް މެޗެއްގައި ހެދި ކިލިއަން އެމްބާއްޕޭއަށް ހެދިފައިވަނީ ހަތް ޝޮޓެވެ.
މީގެ އިތުރުން މެސީ ވަނީ ރޭ ޖެހި ފްރީ ކިކެއް ދަނޑީގައި ޖަހައިފައެވެ. އަދި އެހެންމެ އޭނާ ވަނީ 83 އިންސައްތަ އެކުއެރަސީއާ އެކު 48 ޕާސް ޖަހައިފައެވެ.
ނަމަވެސް އެންމެ މުހިއްމު ވަގުތު މެސީ ބޭލުވުމުން ކޯޗު ޕޮޗެޓީނޯއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އަދި މެސީ ބޭލުވުމުން އޭނަގެ އަމަލުތައް ހުރިގޮތުން ދޭހަވަނީ ޕޮޗެޓީނޯއާ މައްސަލައެއް ޖެހިފައިވާކަން ކަމަށް ބައެއް ސަޕޯޓަރުން ވަނީ ބުނެފައެވެ.
"ކޯޗުން ދަނޑު ބޭރުގައި ތިބެނީ އެއިރެއްގައި އޮތް ސްކޮޑާ ދޭތެރޭ ގޮތް ނިންމަން. ކޯޗުން ނިންމާ ނިންމުމަކީ ބައެއް ފަހަރު ބަލަން ތިބޭ މީހުންނަށް އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެ،" ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުންޏެވެ.
"އަހަރެން އޭނާ ގާތު [މެސީ] އެހިން ކިހިނެތްތޯ. އޭނާ ޖަވާބުގައި ބުނީ މައްސަލައެއް ނޫޅޭ ކަމަށް. އަހަރެން މެސީއާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް އަދި ޒާތީކަމެއް ވެސް ނެތް،" ޕޮޗެޓީނޯ ބުންޏެވެ.