27 Feb 2012, 12:39
ކުޑަ އަންހެން ކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ އާދިލުގެ ފަރާތުން ހުށަހެޅި ދެ މީހެއްގެ ހެކިބަސް ނެގުންކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ އާދިލުގެ ފަރާތުން ހުށަހަޅާފައިވާ އިތުރު ހެކީންގެ ހެކީންގެ ހެކިބަސް ނަގުން ކަމަށެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އޮތީ އާދިލުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.
އާދިލްގެ މައްޗަށް މި ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާއި މެދު ޚާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާއި މެދު ޚާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގައިފި ކަމަށްވާނަމަ އެކުރަނީ ކުށެއް ކަމަށެވެ.
ހަމަ އެމާއްދާގެ (ށ) ގައި ބުނަނީ އެފަދަ ކުށެއް ކޮށްފި މީހާގެ އަދަބަކީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.