މިއަހަރުގެ "އާތް އަވާ" ކެމްޕޭން މިއަންނަ މަހުގެ 31 ގައި ފާހަގަ ކުރާ ގޮތަށް، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރަމުގެ މަސައްކަތްކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް ވައިލްޑް ފަންޑް (ޑަބްލިއުޑަބްލިއުއެފް) އިން ނިންމުމާއި ގުޅިގެން އެ ދުވަސް ރާއްޖޭގައި ވެސް ފާހަގަކުރާ ގޮތަށް ނިންމައިފި އެވެ.

މިއަހަރުގެ އާތުއަވާ ފާހަގަކުރަން ހަމަޖެހިފައިވަނީ މާޗް މަހުގެ 31 ވާ ހޮނިހިރު ދުވަހުގެރޭ 20:30 އިން 21:30 އަށެވެ.

އެންވާރަމަންޓް މިނިސްޓްރީއާ ސްކައުޓް އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ މިއަހަރުގެ އާތުއަވާ ފާހަގަކުރަން ގިނަ ކަންތައްތަކެއް ރާވަމުން އަންނަ ކަމަށާއި އެގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އެދުވަސް ފާހަގަކުރާގޮތަށް ރާއްޖޭގައިވެސް އެދުވަސް ފާހަގަކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އަޅުނގަޑުމެން މި މަސައްކަތްކުރަނީ އެއް އަހަރުން އަނެއްއަހަރު ނިއްވާލުމުގެ ކަންތައް ރަނގަޅު ކުރެވޭތޯ. އެގޮތުން މިއަހަރު މިބަލަނީ މާލޭގެ މޫނު މަތި އެއްކޮށް ނިންވާލެވޭތޯ. އަދި އިސްލާމީ މަރުކަޒު ކަހަލަ މުހިއްމު ތަންތަން ވެސް ނިންވާލެވޭ ކަހަލަ ގޮތެއް ހެދޭތޯ،" މީމުޒަވިޔަނި ވިދާޅުވި އެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެންމެ އިސްދައުރެއް އަދާ ކުރަނީ ރާއްޖެކަމަށާއި އެ ސަމާލުކަން ގެއްލެން ބޭނުންނުވާ ކަމަށެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެއަށްދޭ ސަމާލުކަން ބޮޑުވާން ބޭނުންވާ ކަމަށާއި ކަމަށް ވެސް ވިދާޅުވި އެވެ.

"ބައެއް ކަންތައްތަކުގައި ރާއްޖެއިން މަސައްކަތްކުރަނީ ދުނިޔެއިން ކަނޑައަޅާފައި އޮންނަ މިންގަނޑަށްވުރެއް ވެސް ކުރީގަ. އަޅުނގަޑުމެންނަށް އެ މަސައްކަތްތައް ކާމިޔާބުކަމާއިއެކު އެބަގެންދެވޭ. އަދި އެކަން ދުނިޔެ އެބަ ބަލައިގަނޭ،" އޭނާ ވިދާޅުވި އެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާ އަހުމަދު އަލި މަނިކު ވިދާޅުވީ އާތުއަވާ ފާހަގަކުރުމުގެ ގޮތުން ސުކައުޓުންގެ ހާއްސަ ހިނގާލުމެއް މާޗް 31 ގެ ހަވީރު ބާއްވަން ރާވަމުން އަންނަ ކަމަށާއި މިއަހަރަށް ކަނޑައާޅާފައިވާ ޝިއާރު "އައި ވިލް، އިފް ޔޫ ވިލް" ގެ ދަށުން ތިމާވެށީގެ ކަންކަމުގައި އެކަކު އަނެކަކަށް ވާދަކޮށް ހެދުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން މަސައްކަތްކުރާ ކަމަށެވެ.


އާތް އަވާ އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއިމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޑަބްލިއުޑަބްލިއުއެފުން 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ރާއްޖެއިން ބައިވެރިވާން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ.