ރާއްޖޭގައި ގަބޫލުކުރާ އެހެން ގައުމުތަކުގެ ލައިސަންސްއަށް ބަލައި ރާއްޖޭގެ ލައިސެންސް ދިވެހިންނަށާއި ބިދޭސީންނަށް ދޫކުރަން ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑަޅާފައިވާ 25 ގައުމުގެ ތެރެއަށް ބަންގްލަދޭޝް އިތުރުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލައިފައިވާ ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށްފައިވަނީ މިއަދެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ޖުލައި މަހުގެ ތެރޭ ރާއްޖޭގައި ގަބޫލުކުރާ ބިދޭސީ ލައިސަންސް ނުވަތަ އެހެން ގައުމުތަކުގެ ލައިސަންސްގެ ލިސްޓެއް އާންމުކޮށްފައެވެ.

ހަމައެއާއެކު އެ މިނިސްޓްރީން މިދިޔަ މަހުގެ 10ވަނަ ދުވަހުވަނީ ބިދޭސީ ލައިސަންސްއަށް ބިނާކޮށް ދިވެހި ލައިސަންސް ދޫކުރުމާ ބެހޭ އުސޫލެއް އާންމުކޮށްފައެވެ.

އެ އުސޫލުގެ ދަށުން އެ މިނިސްޓްރީއިން ކުރިން އާންމުކޮށްފައިވާ ގައުމުތަކުގައި ދޫކުރާ ލައިސަންސަށް ބަލައި ރާއްޖޭގައި ބިދޭސީންނާއި ދިވެހިންނަށް ރާއްޖޭގެ ލައިސަންސް ދޫކުރަން ވަނީ ނިންމައިފައެވެ. އަދި އެ އުސޫލުގެ ދަށުން އެއްވެސް އިތުރު އިމްތިހާނެއް ހަދަން ނުޖެހޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

އެހެން ގައުމެއްގެ ލައިސަންސަށް ދިވެހި ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 26 ގައުމެއްގެ ލައިސެންސަށެވެ. އެ ގައުމުތަކަކީ:

  1. އަފްޣާނިސްތާން،

  2. ބޫޓާން،
  3. އިންޑިއާ،
  4. ނޭޕާލް،
  5. ޕާކިސްތާން،
  6. ސްރީލަންކާ،
  7. ބުރުނައި،
  8. ކެމްބޯޑިއާ،
  9. އިންޑޮނީޝިއާ،
  10. ލާއޯސް،
  11. މެލޭޝިއާ،
  12. މިޔަންމާ،
  13. ފިލިޕީންސް،
  14. ސިންގަޕޯ،
  15. ތައިލެންޑް،
  16. ވިއެޓްނާމް،
  17. ޖަޕާން،
  18. ޔުނައިޓެޑް ކިންގްޑަމް،
  19. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ،
  20. ޗައިނާ،
  21. ޔުނައިޓެޑް އެރެބް އެމިރެޓްސް،
  22. ސްވިޓްޒަރލެންޑް،
  23. ސައުދީ އަރަބިޔާ،
  24. ބެލްޖިއަމް،
  25. ޖާމަނީ
  26. ބަންގްލަދޭޝް

ލައިސަންސްއަށް އެދި ހުށަހަޅާއިރު ދިވެހިން އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. އަދި ލައިސަންސް ދޫކޮށްފައިވާ ގައުމުގައި އެ ދޫކޮށްފައިވާ ތާރީހުގައި ހުރިކަން އެނގޭނެ ޕާސްޕޯޓް ކޮޕީއެއް ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީ އެއް ނަމަ ވޯކް ވިސާ ކޮޕީ އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން މުއްދަތު ހަމަނުވާ ބިދޭސީ ލައިސަންސް ހުށަހަޅަން ޖެހޭނެއެވެ. އަދި ބިދޭސީ ލައިސަންސް ގެ ސައްހަކަން ކަށަވަރު ކުރާނީ އޮންލައިންކޮށްކަމަށް މިނިސްޓްރީން ބުންޏެވެ.