19 Sep 2021, 21:11
އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން އަނެއްކާ ވެސް ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ "މިނިވަންކަމުގައި ދިފާއުގައި ދިވެހިން" ކޮމިޓީގެ ފަރާތުން ބުނީ އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާއަކީ މިއަދު ގައުމުގެ ހާލަތާމެދު އޮތް ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއްކަމަށެވެ. އެގޮތުން މިނިވަންކަމާ މެދު އޮތް ކަންބޮޑުވުން ފާޅުކުރުމަކީ އެންމެ ބޮޑު މަގްސަދުކަމަށް އެ ކޯލިޝަނުން ބުންޏެވެ.
އެ ކޯލިޝަނުން ވަނީ ހުކުރު ދުވަހު އޮންނަ އެ ޖަލްސާއަށް ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންނަށް ދައުވަތު ދީފައެވެ. އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުން ވެސް އެ ޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމުން ވަނީ ދައުވަތު ދީފައެވެ.
އެެގޮތުން އެ ކޯލިޝަނުގެ ކޮމިޓީ އިސްވެ ބާއްވާ ޖަލްސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ވިދާޅުވީ އެ ޖަލްސާއަކީ ގައުމީ ހަރަކާތެއްކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މިކަހަލަ ހަރަކާތްތަކަކީ ގައުމީ ހަރަކާތެއްކަމަށް ވުމާއެކު މި ޖަލްސާ ކުރިއަށް ދާނީ ފެއްސާ ރަތާއި ހުދުގެ ޖަލްސާއެއް ގޮތުގައި. ވަކި ޕާޓީއެއްގެ ކުލަ ޖެހިގެންނެއްް ނޫން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޖަލްސާއަކީ ވަރަށް ހާއްސަ ޖަލްސާއަކަށް ވެގެންދާނެކަމަށެވެ. އެގޮތުން މި ޖަލްސާގެ ތެރެއިން މިނިވަންކަމަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ގުޅޭ ގޮތުން އާ މައުލޫމާތުތަކެއް ރައްޔިތުންނަށް ހިއްސާކުރާނެކަމަށް މަތީން ވިދާޅުވިއެވެ.
ހަމައެއާއެކު "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތުގެ ރަސްމީ ލޯގޯއާއި ލަަވައެއް ވެސް އެ ޖަލްސާގެ ތެރެއިން ކުރިއަށް ދާނެކަމަށް އެ ކޯލިޝަނުން ބުންޏެވެ.
ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރުކޮށް ގިނަ ގިނައިން ބާއްވަމުންނެވެ.
އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ މި މަހުގެ 10ވަނަ ދުވަހު ވެސް "އިންސާފު ހޯދަން" ނަމުގައި މާލޭގައި އިހުތިޖާޖުކޮށްފައެވެ.
އޭގެ ކުރިން މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ވެސް އެ ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދުގައި "އައްޑަނަ"އިގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.