19 Sep 2021, 14:36
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ކަމަށް ޑރ. ވަސީމާ ފިކުރީ އައްޔަންކޮށްފިއެވެ.
މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި މަގާމު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވަޒީފާގެ އެއްބަސްވުމުގައި ޑރ. ވަސީމާއާ އެކު ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފްއެވެ.
އެ ރަސްމިއްޔާތުގައި ޑރ. ވަސީމާ ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަކީ މުޅި މި ސަރަހައްދުގައިވެސް މުދައްރިސުން ތަމްރީނު ކުރުމަށް ނަން ހިނގާ ނަމޫނާ ތަނަކަށް ހެދުމަށް ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"މިގޮތުން ފެކަލްޓީ އިން ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، ދަރިވަރުން އިތުރު ކުރުމާއި، ލެކްޗަރާއިންގެ އިލްމީ ތަޖުރިބާ އާއި ތަމްރީން ހޯދައި ދިނުމާއި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުމާއި ދަރިވަރުންނާއި މުވައްޒަފުންގެ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްކުރާނެ،" ޑރ. ވަސީމާ ވިދާޅުވިއެވެ.
ހަމަ އެހެންމެ ޑރ. ވަސީމާ ވަނީ ފެކަލްޓީގައި ބައިވެރިވާ ދަރިވަރުންގެ އަދަދު ކޮންމެ ޓާމަކު ދަށަށް ދާ ކަމަށާއި ފެކަލްޓީ އެންރޯލްމެންޓު އިތުރު ކުރުމަށް ރޭވުންތެރިކަމާއެކު ދެމެހެއްޓެނެވި ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
"ބެޗްލާ އޮފް އެޑިއުކޭޝަން، ޕްރައިމެރީ އަދި ސެކަންޑަރީ ޕްރޮގްރާމްތަކަށް ދަރިވަރުން ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ،" ޑރ. ވަސީމާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް، ޑރ. ވަސީމާ އަށް މަރުހަބާ ދެންނެވިއެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު ފެކަލްޓީ އޮފް އެޑިއުކެޝަންގެ ޑީންގެ މަގާމުގައި ހުންނެވި މަރިޔަމް ފިޒާނާ ރަޝީދު ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް، އޭނާއަށް ޝުކުރު އަދާ ކުރެއްވިއެވެ.
ޑރ. ވަސީމާ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރައްވާތާ މިހާރު 15 އަހަރު ވެއްޖެއެވެ.
މި 15 އަހަރުގެ ތެރޭގައި ޑރ. ވަސީމާ ވަނީ އެކަޑެމިކް މުވައްޒަފެއްގެ މަސައްކަތް ކުރައްވަމުން ކޮމެޓީތަކުގައި ވެސް ބައިވެރިވެވެވަޑައިގެންފައެވެ.
ޑރ. ވަސީމާ ވަނީ ފިލޯސިފީ އޮފް އެޑިއުކޭޝަނުން ޑޮކްޓަރޭޓު ޑިގުރީ ފުރިހަމަ ކުރައްވާފައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް ޑރ. ވަސީމާ އަދާކުރެއްވީ ފެކަލްޓި އޮފް އެޑިއުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސާގެ މަގާމެވެ.