19 Sep 2021, 12:45
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ މަގާމުތަކަށް ކުރިމަތިލެވޭނެ މުއްދަތު އިތުރު ކޮށްފިއެވެ.
އެމްއާރްއެމް އިން ކޮށްފައިވާ އިއުލާނެއްގައި ބުނާ ގޮތުން، އަންނަ ބުދަ ދުވަހުގެ ރޭ 22:00 ގެ ކުރިން އެ ޕާޓީގެ މަގާމު ތަކަށް ކުރިމަތި ލެވޭނެއެވެ.
އެމްއާރްއެމްގެ މީޑިއާ އޮފިޝަލް އަބްދުލް އަލީމް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވަގުތު އިތުރު ކުރީ ޔޫތް ކައުންސިލްގެ އެދުމަކަށް ކަމަށެވެ. އަދި ހުރިހާ މަގާމަކަށް ކުރިމަތި ލުމުގެ ވަގުތު ވެސް އިތުރު ކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވި އިރު، އެކި މަގާމުތަކަށް ޖުމުލަ 73 މީހަކު ކުރިމަތި ލާފައިވާކަމަށް އަލީމް ވިދާޅުވިއެވެ.
އޭގެ ތެރެއިން ދެ މަގާމު ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވެސް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަން އަލީމް ފާހަގަ ކުރެއްވިއެވެ.
އެންމެ ފަރާތަކުން ކުރިމަތިލާފައި ވަނީ ޒައީމް އާއި ރައީސްގެ މަގާމަށެވެ. ޒައީމްގެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އަދި ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫނެވެ.