18 Sep 2021, 20:21
"ވިޒިޓް މޯލްޑިވްސް ނައު" ހޭޝްޓެގް ބޭނުންކޮށް ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު ފޮޓޯއެއްް ޕޯސްޓުކޮށްލައިގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ މި ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި ޕްރޮމޯޓުކުރުމުގެ ގޮތުން ހިންގާ ހަރަކާތެއްކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އުރީދޫގެ ހުރިހާ އޮފީހެއްގައި ވެސް ރާއްޖެ ޕްރޮމޯޓްކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާނެކަމަށެވެ.
އެގޮތުން ރާއްޖޭގައި އުރީދޫގެ އެ ހޭޝްޓެގް ޖެހުމަށްފަހު ސޯޝަލް މީޑިއާއަށް ރާއްޖޭގެ ކަނޑުއަޑީގެ ނުވަތަ މޫދުގެ ހިތްގައިމު މަންޒަރެއް ޕޯސްޓުކޮށްލުމާއެކު އެ ކެމްޕޭނުގެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަމަށް އުރީދޫއިން ބުންޏެވެ.
މިފަހަރުގެ ޕްރޮމޯޝަން ކެމްޕޭނުގައި ހޮވޭ ނަސީބުވެރިއަކަށް ދިނުމަށް ހަމަޖެހިފައިވަނީ ރަސްދޫގެ ޝެލޯ ލެގޫން ގެސްޓު ހައުސްގައި ދެ ރެޔަށް ދެ މީހަކަށް ހިލޭ ހުރުމެވެ.
އުރީދޫއިން ބުނީ މިދިޔަ މަހު ވެސް މި ކެމްޕޭނުގެ ތެރެއިން ސޯޝަލް މީޑިއާގައި ފޮޓޯ ޕޯސްޓުކުރުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން މިދިޔަ މަހު ކުރިއަށް ގެންދިޔައީ ސަގާފަތާއި އާދަކާދައާ ގުޅުން ހުރި ފޮޓޯ ޕޯސްޓުކުުރުމުގެ ކެމްޕޭނެއްކަމަށް އުރީދޫއިން ބުންޏެވެ.
ކަނޑުއަޑީގެ ހިތްގައިމު ފޮޓޯ ޕޯސްޓުކުރުމަށް މިފަހަރުގެ ކެމްޕެއިން އުރީދޫއިން ފަށާފައިވަނީ އިއްޔެއެވެ. ފޮޓޯ ހިއްސާކުރުމުގެ ފުރުސަތު އަންނަ މަހުގެ 14ވަނަ ދުވަހާ ހަމައަށް ލިބިގެންދާނެއެވެ.
އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން އެ ކުންފުނިން އިސްނަގައިގެން ކުރާ މަސައްކަތެއްކަމަަށެވެ. އަދި ފޮޓޯ ޕޯސްޓުކުރުމުގެ ޕްރޮމޯޝަން ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަަކަމަށެވެ.