"މުހުތާރު ނަސީރު ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް މިވަނީ"

އެ ވީޑީއޯކޮޅު ބަލާލާ ކޮންމެ ފަހަރަކު އަދިވެސް ގައިން ހީބިހި ނަގައެވެ. ގައުމީ ލޭ ހަށިގަނޑުގައި ކެކިގެންދެއެވެ. އެ ދުވަހަކީ ދިވެހިރާއްޖެ ސަރަހައްދީ މުބާރާތް ސާފްޗެމްޕިއަންޝިޕްގެ ތަށި އެންމެ ފުރަތަމަ ފަހަރަށް ހިއްލާލި ދުވަހެވެ.

އެ ދުވަހު މާލޭގެ މަގުތައް ރަތް ކުލައިން ދިއްލައިލިއެވެ. ޕިކަޕު ބުރުތައް ޖެހުމާއި އުފާފާޅުކުރުން މަގުތަކުންނާއި ގޭގޭގެ ސިޓިންރޫމުތަކުން ފެނުނެވެ. ދިވެހީންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.

އެއީ ދިވެހިރާއްޖޭގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ އުފާވެރި ދުވަހެކެވެ. އެ ދުވަހު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކުރެވުނީ ތަފާތު އިހްސާސެކެވެ.

އެ ދުވަހު އެންމެ އުފާވެރި އިހްސާސެއް ކުރެވޭނީ ދަނޑުމަތީގައި ގައުމީ ޖޯޒީ އަޅައިގެން ތިބި ކުޅުންތެރިންނަށެވެ. އެ ދުވަހު ކުރެވުނު އިހްސާސްތައް ހިއްސާ ކުރުން އެ ކުޅުންތެރިންނަށް ފަސޭހައެއް ވެސް ނޫނެވެ.

"އަޅުގަނޑުގެ ފުޓުބޯޅަ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް"

އޭރު ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަމުގެ މަގާމުގައި ހުރީ ނ.މާފަރަށް އުފަން އައްސަދު އަބްދުލްޣަނީއެވެ. އައްސަދުގެ އިހްސާސްތައް "ސަން ސާފް ފޯރި" ޕްރޮގްރާމުގައި ހިއްސާ ކުރިއެވެ.

އައްސަދު ބުނީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި އެންމެ ގިނަ މީހުން ކުރާ ސުވާލަކީ އެ ދުވަހު ކުރެވުނު އިހްސާސްތައް ކަމަށެވެ. އަދި އެއީ ކުރަން ޖެހޭ ސުވާލެއް ކަމަށް ވެސް އޭނާ ގަބޫލު ކުރާ ކަަމަށެވެ.

އައްސަދުއަށް އެ އިހްސާސްތައް ބަޔާން ކުރުން ވީ ފަސޭހަ ކަމަކަށް ނޫނެވެ. އޭނާ ބުނީ މޭޒެއްގެ ގާތުގައި އިނދެ އެ އިހްސާސްތައް ކިޔައިދިނުމަކީ ނާދިރު ކަމެއް ކަމަށެވެ.

އެ އިހްސާސްތައް ކޮންމެވެސް ވަރަކަށް ބަޔާން ކޮށްދެމުން އައްސަދު ބުނީ، އޭނާ ފުޓުބޯޅަ ކުޅެން ފެށީއްސުރެ ވެސް އެންމެ ބޮޑަށް ދުށް ހުވަފެނަކީ ގައުމީޓީމުގައި ހުރެ ތަށްޓެއް ހޯދުން ކަމަށެވެ.

"އަޅުގަނޑުގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސް އެއީ ފުޓުބޯޅައިގައި" އެންމެ ކުރުކޮށް އެ ދުވަސް އައްސަދުއަށް ސިފަކޮށްދެވުނީ މިހެންނެވެ.

އައްސަދު ބުނީ އެ ދުވަހު މޮޅުވުމުން އެކަން ގަބޫލުކުރަން ވެސް އުނދަގޫ ވީ ކަމަށެވެ. އަދި ބައެއް ކުޅުންތެރިން އައިސް އެކަން ހަމަ މި ވީ ހެއްޔޭ އެހި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

"ބައެއް ކުޅުންތެރިން އައިސް އެހި، މިކަން މިވީ ހެއްޔޭހަމަ، ހަމަ ލިބުނީހޭ ތަށި" އައްސަދު ކިޔައިދިނެވެ.

ސާފްޗެމްޕިއަންޝިޕް ދިވެހިރާއްޖެއިން ދެފަހަރަށް ކާމިޔާބު ކުރި އިރު ވެސް ޓީމުގެ ކެޕްޓަންކަމުގެ މަގާމުގައި ތިބީ މާފަރުގެ ދެ ކުޅުންތެރިންނެވެ. އެއްބަނޑުއެއްބަފާ ދެބެއިންނެވެ. 2018ވަނަ އަހަރު ޓީމުގެ ކެޕްޓަން ކަމުގެ މަގާމުގައި ހުރީ އައްސަދުގެ ކޮއްކޮ، އަކްރަމް އަބްދުލްޣަނީއެވެ.

މިއަހަރުގެ ސާފްޗެމްޕިއަންޝިޕް އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތަށް ވެސް އައްސަދު ކުރަނީ ފޮނި އުއްމީދުތަކެކެެވެ. ޓީމުގެ ފަރާތުން އޭނާ އެދޭ އެދުމަކީ މިފަހަރު ވެސް ތަށި ރާއްޖޭގައި ބަހައްޓައިދިނުމެވެ.