15 Jul 2010, 15:20
19:00
ތަޅާ ފޮޅުމާއި ލޭއޮހޮރުވުމަށް ޖާގަ ލިބިދޭ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށާއި އެފަދަ ކަންކަމަށް ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑިމޮކްރެޓިކް ވެއްޓެއް ޤާއިމްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މަސްދަރަކީ ޤާނޫނީ ހުކޫމަތު ނުވަތަ ޤާނޫނުގެ ވެރިކަން ކަމުގައިވާއިރު ޤާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކަންކަން ސިޔާސީ ހަރާތްތަކުގައި އިތުރުވަމުންދާކަން ހިތާމަޔާއެކު އެ ކޮމިޝަނުން ފާހަގަކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއްމު މަސްލަހަތު ގެއްލި ރައްޔިތުންގެ ހައްޤުތަކަށް އުނިކަން އަންނަކަމީ އެކޮމިޝަނުން އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ. އަދި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލުމަކީ މުޖުތަމައުއެއްގައި ވެގެންވާނެ ކަމެއް ނޫން ކަމަށްވެސް އިލެކްޝަނުން ކޮމިޝަންގެ އެބަޔާނުގައިވެ އެވެ.
ސިޔާސީ ޕާޓީތަކުން ހިންގާ ކޮންމެ ހަރަކާތެއް ވެސް ހިންގަންވާނީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށާއި އެގޮތުން ބާއްވާ ކޮންމެ ހަރަކާތެއް ވެސް ސުލްހަވެރިކަމާއި އަމާންކަމާއެކު އިންތިޒާމްކޮށް ނިންމުމަކީ އެ ހަރަކާތެއް އިންތިޒާމްކުރާ ފަރާތަކުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް އިލެކްޝަނުން ކޮމިޝަންގެ އެބަޔާނުގައިވެ އެވެ.