ޖެނީވާ (ސެޕްޓެމްބަރު 15): އަފްޣާނިސްތާނުގައި އެމެރިކާ ހިންގި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަގްވާމީ ގޮތުން ބަލައި ތަހްގީގްކޮށް އެކަމުގައި ޝާމިލްވާ އެމެރިކާގެ ސިފައިންނާ އެކަމުގެ ފަހަތުގައިވާ އެމެރިކާގެ ވެރިން އަދުލު އިންސާފު ކުރިމައްޗަށް ހާޒިރުކުރުމަށް ޗައިނާއިން ގޮވާލައިފިއެވެ.

ޖެނީވާގައި ހުންނަ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެކައުންސިލަށް ކަނޑައަޅާފައިވާ ޗައިނާގެ މަންދޫބު ޗެން ޒޫ ވިދާޅުވީ އަފްޣާނިސްތާނަށް އެމެރިކާ އަސްކަރީ ގޮތުން އަރައިގަނެ 20 އަހަރުވަންދެން ހިންގި ހަނގުރާމައިގާ އަފްޣާން އާންމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް އެމެރިކާ ސިފައިން ހިންގިކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވެސް ކަށަވަރުކޮށްދޭ ކަމަށާ އަދި އޭގެތެރެއިން ބައެއް ޖަރީމާތަކަށް އެމެރިކާ އަމިއްލައަށް އިއުތިރާފުވެސް ވެފައިވާކަމުގައެވެ.

އެމެރިކާގެ އިތުުރުން ޔޫރަޕުންވެސް އަފްޣާނިސްތާނުގައި ލާއިންސާނީ ޖަރީމާތައް ހިންގާފައިވޭ

އެމެރިކާގެ އިތުުރުން އަފްޣާން ހަނގުރާމައިގާ އެމެރިކާއަށް އެހީތެރިވި ދިން ނޭޓޯގެ ސިފައިންނާއި އޮސްޓްރޭލިއާ ސިފައިންވެސް އަފްޣާނިސްތާނުގައި މިފަދަ ޖަރީމާތައް ހިންގާފައިވާކަމަށް ޗައިނާގެ މަންދޫބު ތުހުމަތު ކުރެއްވިއެވެ. އޮސްޓްރޭލިއާ ސިފައިން އަފްޣާން އާމުން މެރުމުގެ ޖަރީމާތައް ހިންގިކަމަށް އޮސްޓްރޭލިއާ ސަރުކާރުންވެސް އެއްބަސްވެފައިވެއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވެސް ތުހުމަތުކޮށްފައިވޭ.

ނަމަވެސް އެމެރިކާއާއި އެމެރިކާގެ ބައިވެރިން އަފްޣާނިސްތާނުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ހަނގުރާމައިގެ ޖަރީމާތައް ތަހްގީގްކޮށް އެކަމުގައި ޝާމިލްވާ އެމެރިކާގެ ފަރާތްތައް އިންސާފުކުރިމައްޗަށް ހާޒިރު ކުރެވިފައި ނުވާކަން ޗައިނާގެ މަންދޫބު ފާހަގަ ކުރެއްވިއެވެ. އޭނާވަނީ މިކަންކަން ތަހްގީގް ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލް އަށް ގޮވާލައްވާފައެވެ.

އެމެރިކާ އަފްޣާނިސްތާނަށް އަރައި ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި އަފްޣާން އަންހެނުންނާއި ކުޑަކުދިންގެ އެތަށް ހާސްބަޔަކު މެރުމުގެ އިތުރުން އާންމުންގެ ގެދޮރާއި ސްކޫލްތަކާ އަދި ހޮސްޕިޓަލްތަކަށް ބޮންއެޅުން ހިމެނޭކަމަށް ރިޕޯޓް ކުރެވިފައިވެއެވެ. އަދި އެމެރިކާ ސިފައިން އަފްޣާނިސްތާނުގެ އާންމުން މަރައި އެމީހުންގެ މަރުވެފައިވާ ހަށިތަކުގެ މައްޗަށް ކުޑަކަމު ދިޔުންފަދަ އިންސާނިއްޔަތާ ޚިލާފު އެތަށް ޖަރީމާތަކެއް ހިންގިކަމަށް ނޫސްވެރިން ރިޕޯޓްކުރުމުން ބައިނަލްއަގްވާމީ މިޑިއާތަކުންވެސް އެޚަބަރުތައް ގެނަސްދީފައިވެއެވެ.

އެމެރިކާ ހިންގާ އިންސާނިއްޔަތާ ޚިލާފު އެއްވެސް ޖަރީމާއެއް އދ. އަށް ތަހްގީގް ނުކުރެވޭ

މީގެއިތުރުން އަފްޣާން ރައްފުށުގެ ނިކަމެތިން ދިރިއުޅޭ ގެތަކަށްވެސް އެމެރިކާ ސިފައިން ވަދެ އެގެތަކުގައި ދިރިއުޅޭ މީހުން މަރައި އެމީހުންގެ ހަށިތަކުގައި ހުޅު ޖަހައި އެންދުންފަދަ ގައިން ހީބިހި ނަގާފަދަ ނާޒީ ޖަރުމަނުން ހިންގާފައިވާފަދަ ލާއިންސާނީ އެތަށް ޖަރީމާތައް އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގާފައިވާކަމަށް ރިޕޯޓް ކުރެވިފައިވެއެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް ބައިނަލްއަގްވާމީ ގޮތުން ބަލައި ތަހްގީގްކޮށް އެމެރިކާއާ ދެކޮޅަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އޮސްޓްރޭލިއާ ސިފައިން އަފްޣާން ރައްފުށުގެ ހިސާބުތަކުގައި އަފްޣާން ތުއްތު ކުއްޖަކަށް ބިރު ދައްކަނީ

ނަތީޖާއަކަށްވަނީ ގައުމުތަކަށް އިސްވެ ޙަމަލާދީ އިންސާނީ ހައްގުތަކަށް އަރައިގަތުމަށާއި މިފަދަ އިތުރު ޖަރީމާތައް ހިންގުމަށް އެމެރިކާއަށް ހިއްވަރު ލިބޭގޮތްވުންކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާއިން ޕާކިސްތާނަށް ހަމަލާދީ 80 ހާހަށްވުރެ ގިނަ އާންމުން މަރާފައިވޭ

ޓެރަރިޒަމާ ދެކޮޅު ނަމުގައި އަފްޣާނިސްތާނުގައި އެމެރިކާ ކުރި ހަނގުރާމައިގާ 2002 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދު އެމެރިކާއިން ޕާކިސްތާނުގެ ވަޒީރުސްތާން ސަރަހައްދަށް އެކިފަހަރުމަތިން ދިން ޑްރޯން ހަމަލާތަކުގައި ޕާކިސްތާނުގެ އާންމުންގެ 80 ހާހަށްވުރެ ގިނަމީހުން މަރާލާފައިވާކަމަށް ޕާކިސްތާން ސަރުކާރުން ރަސްމީކޮށް ރިޕޯޓްކޮށްފައިވެއެވެ.

އެންމެފަހުވަގުތަކުގައިވެސް އެމެރިކާވަނީ އަފްޣާން އެއް އާއިލާއަކުން 12 މީހުން ޝަހީދުކޮށްލާފައި

އަދި އެންމެފަހުން މިދިޔަ އޮގަސްޓްމަހުގެ ފަހުކޮޅު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަމުން ދިޔަ އެންމެފަހުވަގުތަކުގައިވެސް އެމެރިކާވަނީ ކާބުލް އެއާޕޯޓްގެ ކައިރީގައިވާ އާންމުން ދިރިއުޅޭ ގެއަކަށް ހަމަލާދީ އަފްޣާން އާއިލާއެއްގެ 12 މީހުން ޝަހީދުކޮށްލާފައެވެ. އެ 12 މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ. އެމެރިކާ ހަމަލާދިނީ އެކުދިން އެމީހުންގެ ގޭގައި ކުޅެންތިއްބައެވެ. މީގެއިތުރުން ހަމަ އެދުވަހު އެމެރިކާއިން އަފްޣާން އާންމުން ދަތުރުކުރި ކާރަކަށްވެސް ހަމަލާދީ އެމެރިކާ ވަނީ އަފްޣާން އާންމުންތަކެއް ޝަހީދުކޮށްލާފައެވެ. މި ދެހަމަލާވެސް އެމެރިކާ ދިނީ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެފައެވެ.

ނަމަވެސް ހަމަލާ ތަކުގައ މަރުވެ ފަނާވެގެންދިޔައީ ކުށެއްނެތް އަފްޣާން އާންމުންކަން ބޭޒާރުވުމުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މިޖަރީމާތައް ހިންގިކަމަށް އެއްބަސްވެފައެވެ. ނަމަވެސް މިކަމުގެ ފަހަތުގައިވާ އެމެރިކާ ސިފައިންނަށާ މަސްއޫލުވެރިންނަށް ދެވުނު އަދަބެއް އަދި ހިންގުނު ތަހްގީގެއްނެތެވެ. އެމެރިކާގެ ބާރާއި ނުފޫޒުގެ ސަބަބުން މިފަދަ އެއްވެސް ޖަރީމާއެއް ބައިނަލްއަގްވާމީ ފެންވަރުގައި އދ. ގެ މުއައްސަސާއަކުން ތަހްގީގް ކުރެވޭނެ ގޮތެއް ނޯވެއެވެ.

އެމެރިކާގެ އަނިޔާވެރިކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުން މިފެންވަރުގައި ހުރިނަމަވެސް އެމެރިކާ ގެ މަސްއޫލުވެރިން ގެންދަވަނީ އެމެރިކާގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް އެއްފަރާތްކޮށް ތާލިބާނުން އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ނުކުރާ ވާހަކައާއި ޗައިނާއިން ވީގޫރު މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަކަމަށް ބުނެ އެދެފަރާތަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

އެމެރިކާއިން އިންސާނީ ހައްގުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރޭ

ޗައިނާގެ މަންދޫބު ޗެން ޒޫ ވަނީ އެމެރިކާއިން އިންސާނީ ހައްގުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ވަކި ގައުމުތަކަކާ އަދި ވަކި ޖަމާއަތްތަކާ ދެކޮޅަށް ބޭނުންކުރާ މައްސަލަވެސް ފާހަގަކުރައްވައި އެކަން ކުށްވެރި ކުރައްވާފައެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލަމުން ގެންދާ ޔޫރަޕްގެ ގައުމުތަކުންވެސް އެމެރިކާއިން އަފްޣާނިސްތާނާއި އިރާގުގައި ހިންގާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ވަރަށްބޮޑަށް ފަސްޖެހިފައިވާކަން ޗައިނާގެ މަންދޫބު ފާހަގަ ކުރެއްވިއެވެ.