18 Sep 2021, 12:54
ސުޕްރީމް ކޯޓުގެ ނިންމުންތައް ބަލައިލެވޭ އެޕްލިކޭޝަނެއް ފަރުމާކޮށް، ބޭނުންކުރަން ފަށައިފިއެވެ.
ސުޕްރީމް ކޯޓުގެ 13ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ޝަރުއީ ދާއިރާގެ ކޭސް ރިޕޯޓަރު އެޕްލިކޭޝަން މެދުވެރިކޮށް ސުޕްރީމް ކޯޓު އުފެދުއްސީރު މިއަދާ ހަމައަށް އެ ކޯޓުން ނިންމާފައިވާ ނިންމުތައް ބަލައިލެވޭނެ ކަމަށެވެ.
މިއީ އެ އެޕްލިކޭޝަން ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގައި އެ އެޕްލިކޭޝަން ބޭނުންކުރާނީ ހަމައެކަނި އެތެރޭގެ ބޭނުންތަކަށެވެ. އެހެން ނަމަވެސް އެ މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމުމުން ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ބޭނުންކުރެވޭ ގޮތަށް އެ އެޕްލިކޭޝަން ހުޅުވާލާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
ކޭސް ރިޕޯޓަރު އެޕްލިކޭޝަނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުގެ އިސްނެގުމަކަށް ފެށި މަޝްރޫއެކެވެ. އަދި އެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެހީތެރިކަމާއެކު އެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުގެ 13ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވުރެ ކާމިޔާބު އަހަރެއް ކަމަށް އެ ކޯޓުން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18އިން މިއަހަރުގެ ސެޕްޓެމްބަރު 18އާ ހަމައަށް އެ ކޯޓަށް ހުށަހެޅި 225 މައްސަލައިގެ ތެރެއިން 121 މައްސަލަ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބާއްވާފައިވާއިރު، 90 މައްސަލައެއްގައި ވަނީ ހުކުމްކޮށްފައެވެ. އެއީ އޭގެކުރީ އަހަރު ހުކުމްކުރި އަދަދަށްވުރެ 29 ޕަސެންޓުގެ ކުރިއެރުމެކެވެ.