18 Sep 2021, 11:10
ޓޯކްޔޯ (ސެޕްޓެމްބަރު 18): ޖަޕާނުގެ ބޮޑުވަޒީރު ކަމަށް ހަތަރު ބޭފުޅަކު ވާދަކުރައްވަން ފައްޓަވައިފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ކަމަށް ވާދަކުރައްވަނީ ވެރިކަންކުރާ ލެބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވައިގެންނެވެ. ޖަޕާނުގެ ޕާލަމެންޓްގެ ދަށުގޭގެ އަޣްލަބިއްޔަތު އޮންނަނީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ކަމަށްވާތީ ބޮޑުވަޒީރުކަމަށް ހަމަޖައްސާނީ އެޕާޓީގެ ލީޑަރަކަށް އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. އެޕާޓީގެ މިހާރުގެ ލީޑަރަކީ ޖަޕާނުގެ މިހާރުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ އެވެ.
ސުގާއަށްވަނީ ރައްޔިތުންގެ ތާއީދާއި ޕާޓީގެ އެތެރޭގެ ތާއީދުވެސް ގެއްލިފައި
ސުގާވަނީ އޭނާއަށް ރައްޔިތުންގެ ތާއީދާ އަދި ޕާޓީގެ އެތެރޭގެ ތާއީދުވެސް ގެއްލޭކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވަމުންދާތީ ޖަޕާނުގެ ބޮޑުވަޒީރުކަމުން މިމަސް ނިމޭހިސާބު އިސްތިއުފާ ދެއްވާނެކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.

ޖަޕާނުގައި ވެރިކަންކުރާ ލެބެރަލް ޕާޓީގެ ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރު ޔޮޝަހީދޭ ސުގާ
ސުގާ އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރަކު ހޮވާނީ ޖަޕާނުގެ ޕާލަމެންޓުގެ ދަށުގޭންނެވެ. ބޮޑުވަޒީރަކު ހޮވުމަށް ބާއްވާ ޕާލަމެންޓްގެ ޖަލްސާ އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ސުގާ ބޮޑުވަޒީރުކަން ދޫކޮށްލެއްވުމަށް ނިންމަވާފައިވާތީ މި ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަމުގެ އިންތިޚާބުގައި ސުގާ ވާދައެއް ނުކުރައްވައެވެ.
ސުގާ ގެ މަގްބޫލުކަން ގެއްލުނު މައިގަނޑު ސަބަބަކީ ކޮވިޑް ކޮންޓްރޯލް ނުކުރެވުން
ސުގާ ގެ މަގްބޫލުކަން ގެއްލުނު ސަބަބުތަކުގެ ތެރޭގައި ޖަޕާނުގައި ކޮވިޑް އާދަޔާ ޚިލާފަށް ފެތުރިގެން ދިޔައިރުވެސް އެރޯގާ ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވުމާއި ކުއްލި ހާލަތު އިއުލާންކޮށްފައި އޮތްނަމަވެސް ވެކްސިން ޕްރޮގްރާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގައި ސުގާގެ ސަރުކާރު ނާކާމިޔާބުވުން ހިމެނެއެވެ. ޖަޕާނަށް ބޭނުންވާވަރަށް ކޮވިޑް ވެކްސިން ހޯދުމުގައިވެސް ސުގާގެ ސަރުކާރުވަނީ ނާކާމިޔާބުވެފައެވެ. މިމައްސަލާގައި ސޯޝަލް މީޑއާގައި ޖަޕާނުގެ އާންމުންވެސް ގެންދަނީ ސުގާގެ ސަރުކާރަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާ 4 ބޭފުޅުން
ލެބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާ ހަތަރު ބޭފުޅުންނަކީ އެޑްމިނިސްޓްރޭޓިވް ރިފޯމް އާބެހޭ ވަޒީރު ތާރޯ ކޯނޯއާއި ކުރީގެ ޚާރިޖީ ވަޒީރެއްކަމަށްވާ ފޫމިއޯ ކިޝީދާ އާއި ކުރީގެ ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ސަނާއެ ތަކައިޗީއާއި ލެބަރަލް ޑިމޮކްރެޓިކް ޕާޓީގެ އެގްޒެކަޓިވް އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ކަމުގައި މިހާރު ހުންނެވި ސީކޯ ނޯދާ އެވެ. މީގެތެރެއިން ނޯދާ އާއި ތަކައިޗީ އަކީ އަންހެން ދެ ބޭފުޅުންނެވެ. ކޯނޯއާއި އާއި ކިޝީދާ އަކީ ފިރިހެން ދެ ބޭފުޅުންނެވެ.
ނޯދާއަކީ އެއްޖިންސުން ގުޅުން ހިންގުންފަދަ ލެބެރަލް ފިކުރުގެ ކަންކަން ޕްރޮމޯޓް ކުރުމުގައި ހައްދު ފަހަނަޅާފައިވާ ބޭކަނބަލެއް
ނޯދާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ކައިވެނި ކުރުމުގެ ފުރުސަތާއި އާއިލާ ބިނާކުރުމުގެ ފުރުސަތު ދިނުމަށް ފާޅުގައި ވަކާލާތު ކުރައްވާ ލެބެރަލް ފިކުރުގައި ހައްދު ފަހަނަޅާފައިވާ ބޭކަނބަލެކެވެ. މީގެއިތުރުން ނޯދާއަކީ އަންހެނުންނަށް އިސްކަން ދިނުމުގައިވެސް ވަރަށް ކުރީގައި އުޅުއްވާ ބޭކަނބަލެކެވެ.

ސީކޯ ނޯދާ
މިގޮތުން ނޯދާ ވަނީ އޭނާއަށް ޕާޓީގެ ވެރިކަން ލިބި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިއްޖެނަމަ އޭނާގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަމުގައި ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
އަންނަ ނޮވެންބަރުމަހު ޖަޕާނުގައި އާއްމު އިންތިޚާބު އޮންނާނެ
އަންނަ ނޮވެންބަރުމަހު ޖަޕާނުގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާތީ ކުރިޔަށް މިއޮތް ދެތިން މަހުގައި ކަންތައްތައް ރަނގަނޅުކޮށްގެން ރައްޔިތުންގެ ތާއީދު ހޯދުމަކީ ލެބަރަލް ޑިމޮކްރެޓިކް ޕާޓީގެ ވަރަށް މުހިއްމު ލަނޑުދަނޑިއެވެ.
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ސުގާ ނިންމެވީވެސް ޕާޓީގެ ތެރެއިން އެކަމަށް އޭނާއަށް ފިއްތުންތައް ކުރިމަތިވުމުންނެވެ. ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް އައު ލީޑަރަކު ހޮވުމަށްޓަކައި މި ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލާނީ ޕާލަމެންޓްގެ ދަށުގޭގެ މެންބަރުންގެ ގޮތުގައި ތިއްބެވި އެޕޓީގެ 383 ބޭފުޅުންނާއި އެ ޕާޓީގައި ހިމެނޭ 47 ގޮތްޕަށް ނިސްބަތްވާ 383 ބޭފުޅުންނެވެ. އެހެންކަމުން ޕާޓީގެ އެތެރޭގެ މި އިންތިޚާބުގައި ވޯޓުލާނީ ޖުމްލަ 766 ބޭފުޅުންނެވެ.