ހުވަދޫ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ބުނީ އަޕާ ސައުތު ޕޮލިސް ޑިވިޝަން (ގއ އަދި ގދ އަތޮޅު)ގައި ހިމެނޭ ރަށެއްގައި 14އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.

މި މަހު 12ވަނަ ދުވަހު ހުށަހަޅައިފައިވާ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ބުންޏެވެ. އަދި އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަމުން އަންނަ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

އައްޑޫ ސިޓީގައި ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފައެވެ. އަދި އެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ.