19 Sep 2021, 11:19
ކޮންމެ ވަގުތެއްގައި ދިޔަޔަސް އަބަދުވެސް ފުރިފައި އޮންނަ މާލޭގެ އަލިމަސް ކާނިވަަލަކީ ދިވެހީންނަށް އާ ތަނެއް ނޫނެވެ. އެތަނުގައި ގިނަ ކެފޭ، ރެސްޓޯރެންޓުތަކެއް ހުންނާތީ އެތަނަށް ގިނަ ބަޔަކު ކޮންމެ ދުވަހަކުމެ ދެއެވެ.
އެތަނަށް ކިތަންމެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ދިޔަ ނަމަވެސް، އެތަނުގެ ތެރޭގައި ސިއްރުން ބަޔަކު އެތައް ކަމެއް ހިންގައެވެ. ބޮޑެތި ޖަރީމާތައް ހިންގައެވެ. ފަހަރުގައި އެތަނަށް ދާ މީހުނަށް އެ މަންޒަރު ފެނިފައި ވެސް ހުރެދާނެއެވެ. ތިމާއާ ބެހޭ ކަމަކަށް ނުވާތީ އަޅާ ނުލައި ދަނީއެވެ.
ސްޓޭޖުގައި އެތައް ބަޔަކު ދިރިއުޅޭ!
"ސަން"ގެ ނޫސްވެރިން އަލިމަސް ކާނިވަލަށް ގޮސް ބެލިބެލުމުން ކަންތައްތަކެއް ފާހަގަ ކުރެވުނެެވެ. އެގޮތުން ފާހަގަ ކުރެވުނު އެއް ކަމަކީ އެތަނުގައި ހަދާފައި ހުންނަ ސްޓޭޖުގައި ބަޔަކު ދިރިއުޅޭކަމެވެ. އެމީހުން ކައިބޮއެ، ނިދަނީ ވެސް އެތަނުގައެވެ.

އަލިމަސް ކާނިވާ ސްޓޭޖުމަތީގައި މީހަކު ނިދާފައި -- ފޮޓޯ : ޓްވީޓާ
އެ ސްޓޭޖަކީ ބައެއް މުނާސަބަތުތަކާ ގުޅުވައިގެން ބައެއް ފަހަރަށް ޖަލްސާތަކާއި ޝޯތައް ވެސް ބާއްވާ ތަނެކެވެ. މިހާރަކަށް އައިސް ގިނައިން އެތަނުގައި ބާއްވަނީ ސިޔާސީ ޖަލްސާތަކެވެ. އެހެން ނަމަވެސް އެތަން ތައްޔާރު ކުރަނީ ޖަލްސާއެއް ބާއްވަން ވީމާ ކަމަށް ވާތީ އެތަނަކީ އެއްވެސް ބަޔަކު އަޅާނުލާ އޮންނަތަނެކެވެ.
އެތަނުގައި ދިރިއުޅޭ ބައެއް މީހުންނާ "ސަން"ގެ ނޫސްވެރިން ވާހަކަ ދައްކާލުމުން އެނގުނީ ގާތްގަނޑަކަށް 10 ވަރަކަށް މީހުން މަދުވެގެން އެތަނުގައި ކޮންމެ ރެޔަކު ވެސް ނިދާކަމެވެ.
އެތަނުގައި ދިރިއުޅޭ މީހަކު ކިޔައިދިން ގޮތުގައި އޭނާ އެތަނުގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ދެ މަސް ވެދާނެއެވެ. އަދި އޭނާ އެތަނުގައި ދިރިއުޅެނީ މާލެއިން ވަންނާނެ ތަނެއް ނެތީމާ ކަމުގައި ވެސް އޭނާ ކިޔައިދިނެވެ.

އަލިމަސް ކާނިވާ ތެރޭގައި ހުންނަ ސްޓޭޖް މަތީގައި އެތައް ބަޔަކު ދިރިއުޅޭ -- ސަންފޮޓޯ/ ޢާލިމް އަބްދުއްލަތީފް
"ފެން ވަރަން ވީމަ ދަނީ މިތާ ކައިރި ހުންނަ ރެސްޓޯރެންޓުތަކުގެ ފާހާނާތަކަށް، ނޫނީ ޕަބްލިކް ފާހާނަތަކަށާ މިސްކިތްތަކުގެ ފާހާނާތަކަަށް" އެމީހުންގެ ދިރިއުޅުމުގައި ކަންކަން ހުންނަ ގޮތް އޭނާ ކިޔައިދިނެވެ.
އެތަނުގައި ދިިރިއުޅޭ އެހެން މީހަކު ބުނި ގޮތުގައި އޭނާ ކަނީ އޭނާގެ ބޭބެއެއްގެ ކެފޭއަކުންނެވެ. އެހެން ނަމަވެސް އާއިލާއިން އޭނާއަށް އުޅޭނެތަނެއް ނުދެއެވެ. ސަބަބަކީ އޭނާއަކީ "ޑްރަގް އެޑިކްޓް"އަކަށް ވާތީ ކަމުގައި އޭނާ ކިޔައިިދިނެވެ.
ކާނިވަލުގެ ސްޓޭޖުމަތީގައި އެމީހުންގެ އަންނައުނުތައް ވެސް އެތަނުގައި ހުރި ދަގަނޑުތަކެއްގައި އަޅުވައިފައި ހުއްޓެވެ. އެހެންކަމުން އެމީހުން އެތަނުގައި ދިރިއުޅެނީ ބަޔަކަށް ވަގަށް، ނުވަތަ ސިއްރުން ނޫންކަން ހާމަވެއެވެ.

އަލިމަސް ކާނިވަލުގެ ސްޓޭޖުމަތީގައި ދިިރިއުޅޭ މީހުންގެ އެއްޗެހި ހިއްކަން އަޅާފައި -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް
އެތަނުގައި އުޅޭ މީހުން ބުނި ގޮތުގައި ބައެއް ފަހަރަށް އެމީހުން އެތަނުގައި އުޅޭތީ ފުލުހުން ވެސް އެތަނަށް ދެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ހަމައެކަނި ނަން ނޯޓު ކޮށްލައިފައި ދަނީ ކަމުގައި އެމީހުން ކިޔައިދިނެވެ.
ގިނައީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން
އެތަނުގައި ދިރިއުޅޭ ގިނަ މީހުންނާ ވާހަކަ ދައްކާލެވުމުން އެނގުނީ އެމީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންކަމެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ ދިގު މުއްދަތެއް ޖަލުގައި ހޭދަކުރުމަށްފަހު މިނިވަން ވެފައި ތިބި މީހުންނެވެ.
އެތަނުގައި އުޅޭ މީހަކު ބުނި ގޮތުގައި އޭނާ މަގުމަތިވާން ޖެހުނީ "ހަކުރުކޮޅެއް ބޯލައިގެން" އެކަން ފަޅާ އަަރައިގެންނެވެ. އަދި އޭނާއަކީ މީގެ ކުރިން ރިސޯޓެއްގައި ވެސް މަސައްކަތް ކުރި މީހެއް ކަމުގައި އޭނާ ބުންޏެވެ.

އަލިމަސް ކާނިވަލުގެ ސްޓޭޖުމަތީގައި އެތައް ބަޔަކު ދިރިއުޅޭ -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް
"ހަކުރުކޮޅެއް ބޯލައިގެން ބަސްޓު ވެގެން މަގުމަތިވާން ޖެހުނީ. ދެން އޭގެ ފަހުން އޭގެން ސަލާމަތް ނުވެގެން މިއުޅެނީ،" އޭނާ ކިޔައިދިނެވެ.
އެތަނުގައި އުޅޭ ބައެއް މީހުން ކިޔައިދިން ގޮތުގައި އެތަނުގައި ވެސް މަސްތުވާތަކެތި އެމީހުން ބޭނުން ކުރެއެވެ. އެގޮތުން ސްޓޭޖުމަތީގައި ތިބެގެން ވެސް ބައެއް ފަހަރަށް މަސްތުވާ ކަމަށާއި ނޫންނަމަ ދަނީ އެތަނުގައި ހުންނަ ގެގަނޑެއް ތެރެއަށް ކަމަށް އޭނާ ކިޔައިދިނެވެ.
އަލިމަސް ކާނިވާ ތެރޭގައި މަސްތުގެ އައްޑާއެއް!
އަލިމަސް ކާނިވާ ތެރޭގައި ފޮރުވިފައިވާ މަސްތުގެ އައްޑާއެއް އެބަހުއްޓެވެ. ސްޓޭޖުމަތީގައި ދިރިއުޅޭ ބައެއް މީހުން އެތަނުގެ ވާހަކަ "ސަން"ގެ ނޫސްވެރިންނަށް ކިޔައިދިނެވެ. އަދި އެތަނުގައި މަސްތުވަނީ އެތާ ދިރިއުޅޭ މީހުން އެކަނި ނޫންކަމާއި އެތަނަށް މަސްތުވާން އެހެން މީހުން ވެސް އަންނަ ކަމުގައި އޭނާ ކިޔައިދިނެވެ.
ކާނިވަލުގައި އޮންނަ ކާރު ޕާކިން ޒޯނުގެ ބިއްދޮށަށް ވާގޮތަށް ހުންނަ އެ "ގެގަނޑަށް" ސަންގެ ނޫސްވެރިން ވެސް ވަދެ ބެލީމެވެ. އެތަނުގެ ބޭރުގައި އޮތީ އެކިކަހަލަ ގަސް ފަޅާ ވާވެފައެވެ. އަދި ވަރަށް ގިނައިން އެތަނަށް ކުނި ވެސް އަޅައިފައި ހުއްޓެވެ.
އެހެންކަމުން އެއީ މިއިންދުވަހަކުވެސް ބަޔަކު އަޅާނުލާ އޮތް ފަޅުތަނެއް ކަން ހާމަވެއެވެ.

އަލިމަސް ކާނިވާ ތެރޭގައި ހުންނަ މަސްތުގެ އައްޑާ، އެތަނުގެ ބޭރުން ވަނީ ގަސްފަޅާ ވާވެފައި -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް
އެތަނުގެ އެތެރެއަށް ވަނުމުން ފެނުނީ ހައިރާންވާފަދަ މަންޒަރެކެވެ. ހުސްކޮށްފައިވާ ބޮޑެތި ތެޔޮ ހަންތަކާއި ހުސް ފޮށިގަނޑުތަކާއި ކުނިން ފުރިފައިވާ އެތަނުގައި މޭޒެއް ހުއްޓެވެ.
އެ މޭޒުމަތީގައި ހުރީ ސިނގިރޭޓު ހުސްކުރި ފޮށިތަކާއި ސިނގިރޭޓު ބޮއެފައިވާ "ބަޓުބުރިތަކާއި" ބޮއެ ހުސްކޮށްފައިވާ އެކިފާޑުފާޑުގެ ދަޅުތަކެވެ. މީގެ އިތުރުން، އޮޅާފައިހުރި ބިޑިފަދަ ތަކެތި ވެސް އެތަނުން ފެނުނެވެ.
ކާނިވާތެރޭގައި ފަޅަށް ހުންނަ މި "ގެގަނޑަކީ" ކީއްކުރަން ހަދައިފައިވާ ތަނެއް ކަމެއް ވެސް ނޭނގެއެވެ. އަދި އެތަނަކީ ސަރުކާރުން އެއްވެސް ކަމެއް ކުރާ ތަނެއް ކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އަލިމަސް ކާނިވާ ތެރޭގައި ހުންނަ މަސްތުގެ އައްޑާތެރެ -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް
ޔަގީން ވާ ކަމަކީ އެތަން ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމެވެ. އަދި އެތަނަކީ އެއްވެސް މީހަކު އަޅާނުލާ އޮތްތަނެއް ކަމެވެ. މިއަދު އެތަން ވެފައިމިވަނީ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ މީހުންގެ އައްޑާއަކަށެވެ.
ހައްލަކީ ރީހެބިލިޓޭޝަން ރަނގަޅު ކުރުން
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިކަމަށް އޮތް ހައްލަކީ ރީހެބިލިޓޭޝަން ޕްރޮސެސް ރަނގަޅަށް ކުރިއަށް ގެންދިއުން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރަށް ވެސް ރީހެބިލިޓޭޝަންގެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުގެންދެވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އުމަރު ވިދާޅުވީ މިހާރު މާފުށި އަދި ހިންމަފުށީގައި ހުރި ރީހެބިލިޓޭޝަން ސެންޓަރުތައް ވެސް އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި މިގޮތަށް މަގުމަތިވެފައި ތިބޭ ޑްރަގް އެޑިކްޓުން ވެސް ރީހެބިިލިޓޭޝަނަށް ގެންދަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ރީހެބިލިޓޭޝަނަކީ ވަރަށް "ދިއުޅިދިގު" ޕްރޮސެސްއެކެވެ. އެތަނުގައި މަސްތުވާ މީހުން ނިދާތީ ފުލުހުންނަށް ގޮސް ކަރުނަ ގޭސް ޖަހައިގެން ވެސް ފޮނުވާލެވިދާނެ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެހެން ކަންތައް ކުރިނަމަވެސް އޭގެ އަނެއް ދުވަހު އެހެންތަނެއްގައި އެމީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނޭ މިކަމަށް އަވަސް ހައްލެއް. މިކަމުގައި ދައުލަތް މިއޮތީ ހަދާނެ ގޮތް ހުސްވެފައި. މިއީ އަޅުގަނޑު 2005ވަނަ އަހަރުން ފަށައިގެން އިންޒާރު ކުރަމުން އަންނަ ކަމެއް. އަދި މިކަން ކުރިއަށް އޮތް 10 ނުވަތަ 15އަހަރާ ހަމައަށް ދެމިގެން ގޮސްފިނަމަ މާ ނުބައި ނަތީޖާއެއް ނުކުންނާނެ،" އުމަރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތް ގޮސްހުސްވެފައި!
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިސްލާހު ކުރަން ގޮވާލައި ހުށަހަޅައިފައިވާ ޕެޓިޝަނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ގިނައިން އިވުނީ ޝަކުވާއެވެ.
އެގޮތުން ފުލުހުންގެ އިސްވެރިންނާއި ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާއި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއިން ވެސް އޮއްސާލީ ހުސް ޝަކުވާއެވެ.
އެ ޝަކުވާތައް ގޮސް ގުޅެނީ މަސްތުވާތަކެތީގެ އާ ގާނޫނާއެވެ. އެ ގާނޫނަށް މިހާރު ނުވަ އަހަރު ވެފައިވާއިރު އެ ގާނޫނުގައި ރެހެބިލިޓޭޝަންގެ ކަންތައްތައް ކުރިއަށްގެންދިޔުމަށް ކަނޑައަޅާފައިވާ އުސޫލަކީ އެންމެ އެކަށޭނެ ގޮތްތޯ ސުވާލު އުފެދެއެވެ.
ނޭޝަންލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ލީގަލް އޮފިސަރު އަދި މީޑިއާގެ ކަންކަމާ ހަވާލުވެ ހުންނެވި އަހުމަދު ހިލްމީ ވިދާޅުވީ އެންޑީއޭގެ އިމާރާތް ބާވުމާއި ޖާގައިގެ ދަތިކަން ހުރުމުން ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި އެތަނަކީ "65 އަހަރުވެފައިވާ ތަނެއްގެ ގޮތުގައި ބަލާ" އެލަވަންސެއް ދީގެން ވިޔަސް އެެތަން ހިންގުމުގައި އެހީތެރިވުމަށް އޭނާ އެދިވަޑައިގަތެވެ.

"ޗޭންޖް އެންޑީއޭ ޕެޓިޝަން" ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަަސަން (ހަސަންޓޭ) ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުނުވަނީ ހައްލުކުރަން ނޫޅޭތީ ކަމަށެވެ.
މިއަދާ ހަމައަށް އައިރު ވެސް މިކަން އެއްވެސް މިންވަރަކަށް ހައްލުނުވެ، މައްސަލަ ބޮއްސުން ލައިގެން ދިއުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ ހަސަންޓޭ ވަނީ ސުވާލުކުރައްވާފައެވެ.
"ބަޖެޓު އެބަދޭ، މުވައްޒަފުން އެބަދޭ. ތަންތަން އެބަ އުފައްދާ. ގާނޫނު އެބަހުރި. ދެން އަޅުގަނޑަކަށް ނޭނގެ މިތާ އިނދެ ފިކުރުކޮށްކޮށް، މިގައުމާ ދޭތެރޭ ވިސްނާނެ ހަމަ އެއްވެސް ގޮތެއް ހަގީގަތުގަ،" ހަސަންޓޭ ވިދާޅުވިއެވެ.
ޕީޖީއަށް ހުށަހަޅާ 70 ޕަސެންޓު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ!
"ޗޭންޖް އެންޑީއޭ ޕެޓިޝަން" ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ނާޝިދު ވިދާޅުވި 2016 ވަނަ އަހަރު ޑްރަގް ކޯޓަށް 1،500 އަށްވުރެ ގިނަ މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރު 1،400 މައްސަލަ އަދި ޖެހިގެން އައި އަހަރު 900 އަށްވުރެ ގިނަ މައްސަލަ ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
އޭގެ ޖެހިގެންއައި 2019 ވަނަ އަހަރު 800 އަށްވުރެ ގިނަ މައްސަލަ އަދި ނިމިދިޔަ 2020ވަނަ އަހަރު 650 މައްސަލައެއް ހުށަހެޅިއިރު މި އަހަރު މިހާތަނަށް 410 އަށް ވުރެ ގިނަ މައްސަލަ ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ 70 އިންސައްތަ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެެވެ. ނަމަވެސް ޑްރަގް ކޯޓަށް ފަރުވާއަށް ވެއްދޭ މީހުންގެ ނިސްބަތުން ފަރުވާ ލިބިގެން ނުކުންނަނީ މަދު ބަޔަކުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކޮންމެވެސް ހިސާބަކުން މައްސަލަ އެބައުޅޭ ކަމަށާއި ނިޒާމު އިސްލާހު ކޮށްގެން ނޫނީ ބަދަލު ނުފެންނާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަކި މީހަކަށް، ގުރޫޕަކަށް ނުބަލާނަން!
އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންގެ ޒިންމާ އަދާކުރުމުގައި ވަކި މީހެއްގެ މޫނަކަށް ނުވަތަ ވަކި ގުރޫޕަކަށް ނުބާލާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި މެންބަރަކު ޑްރަގް ޓްރެފިކިން ހުއްޓުވުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސީޕީ ވިދާޅުވީ ކޯޓު މަރުހަލާގައި ވެސް މިފަދަ 20 މައްސަލައެއްގައި 89 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ.
މި 20 މައްސަލައަަށް ބަލާއިރު ވެސް 413 ކިލޯގެ މަސްތުވާތަކެތި، މި މައްސަލަތަކުގެ ތެރޭގަ ޓްރެފިކް ކުރެވިފަހުރިކަން ފާހަގަކޮށްލެވޭ. ދެން މި މައްސަލަތަކުގަ ޝަރީއަތް ކުރެވި މި ފަރާތްތަކަށް ގާނޫނުން ކަނޑައަޅައިފައިވާ އަދަބުތައް ލިބި، މި އަދަބުތައް ތަންފީޒުކުރެވިގެން ކޮންމެވެސް ވަރަކަށް މިއަށް ހުއްޓުމެއް ގެނެވޭނީ
ސީޕީ އިތުރަށް ވިދާޅުވީ ރާއްޖޭގައި ކޯޓުން ހުކުމް ކުރި ނަމަވެސް އަދަބު ތަންފީޒު ނުކުރެވޭ ކަމަށެވެ.

"ޗޭންޖް އެންޑީއޭ ޕެޓިޝަން" ދިރާސާ ކުރުމަށް ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު -- ފޮޓޯ/ މަޖިލިސް
"ތަންފީޒުކުރާ އިދާރާއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރަމުން. އަޅުގަނޑު ކުރިން ވެސް ފާހަގަކުރި ފަދައިން އަޅުގަނޑު ނުބަލާނަން ވަކި މީހެއްގެ މޫނަކަށް، ވަކި ނެޓްވޯކަކަށް، ވަކި ގުރޫޕަކަށް، ވަކި އިންތިހާބީ ދާއިރާއަކަށް،" ސީޕީ ހަމީދު ވިދާޅުވިއެވެ.
އަލިމަސް ކާނިވަލުގެ މައްސަލައިގައި ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި އެކަމާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލަމުން އަންނަކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.