17 Sep 2021, 09:10
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކުރާ މަސައްކަތަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއް ކަމަށް ކަސްޓަމްސްގެ މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކަސްޓަމްސްގެ ނޯތް ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައެވެ.
މާރިޔާ ވިދާޅުވީ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މި ފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިރުތުވެފައިވާ ކަމަށެވެ.
މިނިސްޓަރުގެ ވާހަފުޅުގައި މަސްތުވާތަކެތި އެތެރެވިޔަ ނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރުވެރިކަމާއި ކުޅަދާނަކަން ފާހަގަ ކުރައްވާ، މި މުހިއްމު ގައުމީ ހިދުމަތް ދިނުމަށް ޓަކައި ހީވާގި ކަމާއެކު ކަސްޓަމްސްގެ އޮފިސަރުން ކުރަމުން ގެންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.
"ކަސްޓަމްސްގެ މަސައްކަތަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ވަރަށް ބުރަ އަދި ވަރަށް މުހިއްމު މަސައްކަތެއް. މި ފަދަ މުހިއްމު ގައުމީ ހިދުމަތެއް ދިނުމަށް ޓަކައި ކަސްޓަމްސްގެ ހީވާގި އޮފިސަރުން ކުރަމުން ގެންދާ ބުރަ މަސައްކަތަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން،" މާރިޔާ ވިދާޅުވިއެވެ.

ކަސްޓަމްސް ނޯތް ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
މާރިޔާ ވިދާޅުވީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރެވުނު، ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން، ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރީގެ ހަރަދު ކުޑަވުމުގެ އިތުރުން ރައްޔިތުންނާއި ހަމައަށް ހެޔޮއަގުގައި ތަކެތި ގަންނަން ލިބުމަށް މަގު ފަހިވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އަލަށް މި ގާއިމު ކުރި އިމާރާތަކީ ރާއްޖޭގެ އުތުރުގައި އިގްތިސޯދީ ސިނާއަތްތައް ތަރައްގީކޮށް ފުޅާ ކުރުމަށް އެޅުނު މުހިއްމު ބިންގަލަކަށް ވެގެންދާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެންމެ ފަހުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި ބަދަލާއެކު ރަސްމީ، ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުން 50 އިންސައްތަ ޑިއުޓީ މައާފް ކުރުމަށް ހަމަޖެހުމާއިއެކު އެ ސަރަހައްދުން ހިދުމަތް ހޯދާ ފަރާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އެ އޮފީސް އިމާރާތުގެ ސަބަބުން ރީޖަނަލް ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާވެ، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބުމާއި މާލޭ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށްވެސް ލުއިތަކެއް ލިބޭނެ ކަމަށެވެ.

ކަސްޓަމްސް ނޯތް ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު ވިދާޅުވީ ކުޅުދުއްފުށްޓަކީ އެ ސަރަހައްދުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ރަށަކަށް ވެފައި، ކަސްޓަމްސްގެ ނޯތް ރީޖަނަލް ހެޑް އޮފީހާއެކު ކުޅުދުއްފުށިން ދޭ ކަސްޓަމްސްގެ ހިދުމަތްތައް އިތުރަށް ތަރައްގީވެ، ފުޅާވާނެ ކަމަށެވެ.
ކަސްޓަމްސް ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް 2017 ވަނަ އަހަރު ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ފަށާފައިވާއިރު، މި އިމާރާތް ގާއިމު ކުރުމަށް 16.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްފައިވެއެވެ.
ތިން ފަންގިފިލާގެ މި އިމާރާތުގައި އޮފީސް އޭރިއާ އަކާއި ރީޖަނަލް ޓްރެއިނިން ސެންޓަރެއްގެ އިތުރުން އެކޮމޮޑޭޝަން ބައެއް ވެސް ގާއިމް ކޮށްފައިވެއެވެ.