16 Sep 2021, 20:47
މާލޭ ސިޓީ ކައުންސިލާ ޖަދަލުކުރުމުގެ ގޮތުން ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަނުން މަސައްކަތްކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ވިދާޅުވީ ސިޓީ ކައުންސިލުން ދައްކާ އެއްވެސް ވާހަކައަކަށް ރައްދު ދިނުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ.
"އެހެންނަމަވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި މީގައި އޮޅުން އަރާ،" އާދަމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ބޭރުން އެއްވެސް ކަމެއް ކުރުމަށް އެންގުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިފައި ނޯންނާނެކަމަށެވެ.
މީގެ އިތުރުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް ވިދާޅުވީ މާލެ ސަރަހައްދުގައި ކުނި ނެގުމަށް ވެމްކޯގައި ރަޖިސްޓްރީނުކޮށް ހުރި ގޭބީސީތަކަށް މި މަހުގެ ނިޔަލަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ނިންމުމާއެކު ގޭބީސީތަކަށް ރަޖިސްޓްރީކުރުމަށް އިތުރު ފުރުސަތެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުރިހާ ގޭބީސީތަކަކުން ވީހާ ވެސް އަވަހަކަށް ރަޖިސްޓްރީކުރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
"އެއްވެސް ބޭފުޅަކު މަގުމައްޗަށް ކުނި ނެރުމަކީ މި ކޯޕަރޭޝަނުން ބޭނުންވާ ގޮތެއް ނޫން. މީގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. މާލޭ ސަރަހައްދުގެ ގޭބީސީތަކުގެ 50ޕަސެންޓު ވެސް ނެތް ރަޖިސްޓްރީކޮށްފައި. މިއީ ވަރަަށް ހިތާމަވެރި ވާހަކައެއް އަސްލު،" އާދަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަޖްސްޓްރީކުރުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ސަރަހައްދުގައި ރަޖިސްޓްރޭޝަން ބޫތުތަކެއް ބަހައްޓާނެކަމަށެވެ. އަދި ވެމްކޯގެ ވެބްސައިޓުން ރަޖިސްޓްރީކުރެވޭނެހެން އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ.
ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވާކަމަށެވެ.