ސިވިލް ސާވިސް މުވައްޒަފުންގެ އެތައް ޝަކުވާއަކާއި ކަންބޮޑުވުންތަކަކާއެކު އާދިއްތަ ދުވަހު ކަޅު ކުލައިން ހެދުން އަޅައި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިހުތިޖާޖުކުރަން ނިންމައިފިއެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން އިހުތިޖާޖުކުރުމަށް ނިންމާފައިވަނީ އެ މީހުންގެ މުސާރައާ މެދު ހުރި ހިތްހަމަނުޖެހުންތަކެއްގެ ސަބަބުންނެވެ.

މި އިހުތިޖާޖު ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ސިވިލް ސާވަންޓްސް އެސޯސިއޭޝަނެވެ.

އެ އެސޯސިއޭޝަނުގެ އޮފިޝަލެއްް "ސަން"އަށް ވިދާޅުވީ މުސާރަ ކުޑަކަމުގެ ޝަކުވާއަކީ އަބަދުވެސް ސިވިލް ސާވަންޓުންގެ އެންމެ ބޮޑު ޝަކުވާކަމަށެވެ.

"ކޮންމެ ފަހަރަކު ވެސް ސަރުކާރުތަކަށް ސިވިލް ސާވަންޓުން ފެންނަނީ ރިޔާސީ އިންތިހާބުތަކާ ދިމާކޮށް. ވޯޓު ލިބި ވެރިކަމަށް އާދެވުނީމާ އަޅުގަނޑުމެންގެ މަތިން ހަނދާން ނައްތާލާ. އެހެންވީމާ އަޅުގަނޑުމެން މި އިހުތިޖާޖުކުރަން މި ނިންމީ،" އޮފިޝަލް ވިދާޅުވިއެވެ.

ސިވިލް ސާވަންޓުންގެ މި އިހުތިޖާޖު ހުރިހާ ރަށެއްގައި ވެސް ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ސިވިލް ސާންވަންޓުންގެ މައިގަނޑު ޑިމާންޑުތަކެއްގެ ގޮތުގައި ވަނީ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމާއި، ސެޓްފިކެޓަަށް ވަޒީފާގެ ކުރިއެރުން ދިނުމާއި އަދި މިނިމަމް ވޭޖް އަވަސްކޮށްދިނުމަށް އެދިއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ލިވިން އެލަވަންސް ސިވިލް ސާވިސް މުވައްްޒަފުންނަށް ދިނުމަކީ ވެސް މި އިހުތިޖާޖުގައި ކުރާ އެއް ޑިމާންޑެވެ.

އެ އެސޯސިއޭޝަނުން ބުނީ އާދިއްތަ ދުވަހު މި އިހުތިޖާޖު ފަށާއިރު އެ ދުވަހު ސަރުކާރުގެ ޖަވާބެއް ނުލިބިއްޖެނަމަ ހޯމަ ދުވަހުން ފެށިގެން މަސައްކަތް ހުއްޓާލާނެކަމަށެވެ.

އަދި ސަރުކާރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބެންދެން ހޯމަ ދުވަހު ފަށާ ހަޅުތާލު ކުރިއަށް ގެންދާނެކަމަށެެވެ. ރާއްޖޭގައި ސިވިލް ސާވަންޓުންގެ ގޮތުގައި 26،000އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.

އޭގެތެރޭގައި ގިނައީ އަންހެނުންނެވެ. އެގޮތުން 16،000އަށްވުރެ ގިނަ އަންހެނުން ސިވިލް ސާވިސްގައި މަސައްކަތްކުރެއެވެ.

ސިވިލް ސާވިސް މުވައްޒަފުން އަންނަ އާދިއްތަ ދުވަހު އިހުތޖާޖު ކުރަން ނިންމާފައިވާއިރު އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން 500އާ ގާތްކުރާ ނަރުހުންނާއި ޑޮކްޓަރުން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.

އެ ޕެޓިޝަން ހުށަހަޅާފައިވަނީ މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށެވެ.