ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ އިސްވެރިޔާ މައްޗަށް ދައުވާކުރުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ޕީޖީ އޮފީހަށް ހުށަހަޅައިފިއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، އަކީ މަރިޔަމް ދީނާ ސޯލިހް، ހޯދަޑު. މައިޒާން، ޏ. ފުވައްމުލައްސިޓީ އެވެ.

މިއީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ދޯންޏަކީ، އެކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާއާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލަ އެވެ.

އޭސީސީ އިން ބުނީ މި މައްސަލައިގެ ތަހްގީގުން އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމު އަދާކޮށްފައިވަނީ މަރްޔަމް ދީނާ ސޯލިއެވެ.

މި މައްސަލައާ ގުޅިގެން އެ ކޮމިޝަނުގެ ތަހުގީގުގައި ބަލާފައިވާ 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، އެކުންފުނީގެ ހަ ޕާޗޭސް އޯޑަރަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރު ކުރުމަށް ޖެނެރަލް ސަރވިސް ރިކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕާޓްމެންޓުން ޕްރޮކިއުމަންޓު ޑިޕަރޓްމަންޓަށް ފޮނުވުމުގެ ކުރިންނެވެ.

އެކަމަކީ ފެނަކަ އިން އަމަލުކުރަމުން ދިޔަ އުސޫލާ ހިލާފަށް ކޮށްފައިވާ ކަމެއްކަން މި ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވޭ ކަމަށެވެ.

އަދި އެ ޕާޗޭސް އޯޑަރުގެ ތެރެއިން އެއް ޕާޗޭސް އޯޑަރު ތައްޔާރުކޮށް، އެ ޕާޗޭސް އޯޑަރާ އެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރުކޮށް ނިންމުމަށްފަހުގައިކަން، އެ ޕާޗޭސް އޯޑަރާއެކު އެއްކަރުދާސްކޮށްފައިވާ ތަކެތި ލިބުމަށްފަހު ތައްޔާރުކޮށްފައިވާ ގުޑްސް ރިސީވްޑް ނޯޓުން އެނގޭ ކަމަށެވެ.

ހަމައެހެންމެ، ދަތުރު ކޮށްދިނުމުގެ ޚިދުމަތް ހޯދުމަށް ފެނަކަ އިން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރާއި ދަތުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ގިނަ ރަށްތަކަށް ދަތުރު ކޮށްފައިވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެރަށްތަކަށް މުދާ ގެންގޮސްފައިވާކަން އެނގެން ނޯންނަކަމާއި، އަދި އެރަށްތަކަށް ދަތުރު ކޮށްފައިވަނީ ކޮން ބޭނުމެއްގައިކަންވެސް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގައި ހޯދާފައިވާ މަރްޔަމް ދީނާ ސޯލިހްގެ މޯބައިލް ފޯނުގެ މުއާމަލާތުތަކަށް ބަލާއިރު، ނުވައެއް ޖުލައި 2018 އިން ފެށިގެން 24 ފެބުރުވަރީ 2019 ގެ ނިޔަލަށް އެ މުއްދަތުގެ ތެރޭގައި ދޯނި ކުއްޔަށް ދޫކުރުމަށް ފެނަކަ އިން ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާ، މަރްޔަމް ދީނާ ސޯލިހާ ދެމެދު ގިނަ އަދަދެއްގެ މުއާމަލާތުކޮށްފައިވާތީ، އެފަރާތާއި މަރްޔަމް ދީނާ ސޯލިހްއާ ދެމެދު ގުޅުން އޮންނަކަން އެނގޭ ކަމަށެވެ.

އޭސީސީން ބުނީ މިމައްސަލާގައި ހޯދާފައިވާ ކިތާބީ ހެކިތަކާއި ޝަފަވީ ހެކިތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަނަށް ދޯނި ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް އެދުވަސްވަރު ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރި މަރްޔަމް ދީނާ ސޯލިހް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާކަން އެނގޭ ކަމަށެވެ.

ދޯނި ކުއްޔަށް ހިފުމުގައި ކޯޓޭޝަން ހޯދާފައިވަނީ ހަމައެކަނި މަރްޔަމް ދީނާ ސޯލިހްއާ ގާތް ގުޅުން އޮތް ކުންފުނިން ނުވަތަ އެ ކުންފުނީގެ ވެރިޔާގެ މަސްލަހަތު އޮތް ފަރާތްތައް މެދުވެރިކޮށްކަމާއި އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލި ދައުލަތަށް ގެއްލުންވެފައިވާކަން ސާބިތުކުރެވޭވަރަށް ތަހްގީގުގައި ހެކި ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، މިމައްސަލާގައި މަރްޔަމް ދީނާ ސޯލިހް، ހޯދަޑު. މައިޒާން، ޏ.ފުވައްމުލަކު، ގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އަދި ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ (ހ) އަދި 13 ވަނަ މާއްދާ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާ ކުރުމަށް ގާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ ދޭއްގެ ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ނިންމީ ކަމަށެވެ.