އައްޑޫ ސިޓީން: މުހައްމަދު ހަސަން

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި މިރޭ ހިތަދޫ ޝަރަފުއްދީން ސުކޫލްގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ބަޔަކު އަޑުގަދަކޮށް ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް ހަމަލާދިނުމާ ގުޅިގެން ހިތަދޫގެ މަޝްރަހު ހޫނުވެއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ ޝަރަފުއްދީން ސްކޫލް ހުންނަ އައްޑޫގެ ބޮޑުމަގުގެ އުތުރު ސަރަހައްދު ބަލަހައްޓަން ތިބި ފުލުހުންނާއި ދިމާއަށް ގާއުކުމުގެ ސަބަބުން ދެ ފުލުހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށެވެ. އަދި އަނިޔާވީ ސްޓާފް ސާޖެންޓް މުހައްމަދު ޒިޔާދާއި ލާން ސްކޯޕަރަލް އަހުމަދު ޝަރަފަށް ކަމަށް ފުލުހުން ބުންޏެވެ.

ޒިޔާދު ވަނީ މިވަގުތު އިތުރުފަރުވާއަށް ފުވައްމުލަކަށް ގެންގޮސްފަ އެވެ.

ފުލުހުންނަށް އެކިވަރުގެ އަނިޔާވުމާ ގުޅިގެން އެ ސަރަހައްދުން މީހުން ދުރަށް ޖައްސަން އުޅުމުގެ ތެރޭގައި އެކި މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ބައެއް މީހުން ސަން އަށް މައުލޫމާތުދެމުން ވަނީ ބުނެފަ އެވެ. މީހުންނަށް އަނިޔާވުމުގެ އިތުރަށް އެމްޑީޕީގެ ހިތަދޫގެ ޖަގަހައިގެ ބިއްލޫރިގަނޑުތައް ބަޔަކު ވަނީ ތަޅާލާފަ އެވެ. އަދި ހަމައެއާ އެކު ޖަގަހަކައިރީގައި ހުރި ކުޑަފިހާރައެއްގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން ޑީއާރްޕިގެ ހިތަދޫ ގޮފީގެ ރައީސް ހުސެން ސާލިހުގެ ގޭގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން އޭނާގެ ޖިޕުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލާފަ އެވެ.
އޭގެ އިތުރަށް މަރަދު އާއި ފޭދޫ ގުޅުނު ކޯޒްވޭމަތީގައި ބަޔަކު ޓައިރުތަކެއްގައި އަލިފާ ރޯކުރުމުގެ ސަބަބުން ރައީސުލްޖުމުހޫރިއްޔާ ގަމަށް ވަޑައިގަތީ ވިޔަފާރި ބަނދަރުސަރަހައްދުން ލޯންޗެއްގަ އެވެ.

އެމަނިކުފާނު ލޯންޗުގައިވަޑައިގަތްތާ ބައިގަޑިއެއްހާ އިރު ފަހުން ޑެލިގޭޝަނުގައި ހިމެނޭ އެހެން ބޭފުޅުންވަނީ ލިންކުރޯޑުން ގަމަށް ވަޑައިގެންނަވާފަ އެވެ. އައްޑޫގެ ލިންކުރޯޑުގެ އެކިސަރަހައްދުތަކާއި ގަން ހިމެނޭ ސަރަހައްދު ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

އައްޑޫގައި މިރޭ ހިނގި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި އާއްމުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.
މިހަމަނުޖެހުންތަކުގައި އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ވެސް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.