16 Sep 2021, 15:29
މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ވެމްކޯގެ ގޭޓު ކުރި މައްޗަށް ކުނި އެޅި މައްސަލާގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މާފަށް އެދިވަޑައިގެންފިއެވެ.
ނަރީޝް މާފަށް އެދިވަޑައިގަތީ މާލެ ސިޓީ ކައުންސިލްގެ ޕިކަޕެއްގައި، އެ ކައުންސިލްގެ މުވައްޒަފުން މާލޭ މަގުތަކުން ނެގި ކުނިތައް، ވެމްކޯ އޮފީސް ކައިރިއަށް އަޅާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި ފަހުންނެވެ.
ނަރީޝް ވިދާޅުވީ އެ ހާދިސާ ހިނގީ ކައުންސިލްގެ މުވައްޒަފުންނާއި ވެމްކޯގެ މުވައްޒަފުންނާ ދެމެދު މުވާސަލާތު ކުރުމުގައި އެރި އޮޅުމަކުން ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އެނގުމާ އެކު ވެމްކޯ ދޮރު މަތިން ކުނި ނެގުމުގެ މަސައްކަތް ފެށި ކަމަށް ނަރީޝް ވިދާޅުވިއެވެ.
ނަމަވެސް އެއީ ނާތަހުޒީބު އަމަލެއްކަން ގަބޫލު ކުރައްވާ ކަމަށާއި އެކަމަށް މާފަށް އެދިވަޑައިގަންނަވާކަން ނަރީޝް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ހިތުން ވަރަށް ނާތަހުޒީބު އަމަލެއް [އެއީ]. އެކަން ވެގެން ދިޔައީ އަޅުގަނޑުމެންގެ މުވައްޒަފުންގެ އަތުން. އެކަމަށްޓަކައި އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން ނިހާޔަތަށް މާފަށް އެދެން،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝްގެ އިތުރުން މާލޭ މޭޔަރު މުހައްމަދު މުއިއްޒުވެސް ވަނީ އެއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަ ކުރައްވައިފައިއެވެ. އަދި އެއީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް މުއިއްޒު ޓްވީޓު ކުރެއްވިއެވެ.
އެ މައްސަލައާ ބެހޭ ގޮތުން ވެމްކޯއިން ދެކޭ ގޮތް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މީޑިއާއާ ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައިއެވެ.