17 Sep 2021, 08:54
ފާރޯ އައިލެންޑްސްގައި މިދިޔަ އާދީއްތަ ދުވަހު 1،428 ކޯމަސް މެރި މައްސަލަ ހޫނުވެ، އެކަމުގައި ބައިވެރިވި މީހުންނަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
ފާރޯ އައިލެންޑްސްގައި ކޮންމެ އަހަރަކު ކޯމަސްތައް މަރަނީ އެ ސަރަހައްދުން ކޯމަސް ހިފައި، ކަތިލުމަށް ބާއްވާ ސަގާފީ ހަރަކާތެއްގެ ތެރެއިންނެވެ.
ނަމަވެސް މިފަހަރު އެ ހަރަކާތް ބޭއްވި ގޮތާ ބެހޭ ގޮތުން ޝަކުވާތައް ވަނީ އިތުރުވެފައިއެވެ. އެގޮތުން އެ ހަރަކާތުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޯމަސް މަރައިފައި ވަނީ މިއަހަރު ކަމަށް، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ސީ ޝެޕާޑްއިން ބުންޏެވެ.
ހަމައެހެންމެ އެ ހަރަކާތް ބޭއްވުމާ ބެހޭ ގަވާއިދުތައް ފާއިތުވި އަހަރުތަކުގައި ހަރުކަށި ކޮށްފައިވީ ނަމަވެސް މިފަހަރު އެ ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަަމަށް ސީ ޝެޕާޑްއިން ތުހުމަތު ކުރިއެވެ.
އެގޮތުން، ހަރަކާތް ކުރިއަށްގެންދަނީ ރަނގަޅަށްކަން ކަށަވަރު ކުރުމަށް އައްޔަން ކޮށްފައިވާ އޮފިޝަލަށް މިފަހަރު ހަރަކާތާ ބެހޭ މައުލޫމާތު ނުދޭ ކަމަށާއި ކޯމަސްތައް މެރުމުގައި ބައިވެރިވި ބައެއް މީހުންގެ އަތުގައި ކަމާ ގުޅުން ހުރި ލައިސެންސް ނެތް ކަމަށް ސީ ޝެޕާޑުން ބުންޏެވެ.
މީގެ އިތުރުން ކޯމަސްތައް މެރުމުގެ ކުރިން ހުރިހާ މަހެއް ގޮނޑުދޮށަށް ޖަމާ ކުރި އިރު، ކޯމަސްތައް މަރަން ގިނަ ވަގުތު ނެގި ކަމަށާއި އެއީ ގަވައިދާ ހިލާފު ކަމެއް ކަމަށް ފަރޯ އައިލެންޑްސްއަށް ނިސްބަތްވާ މީހަކު ބުންޏެވެ.
ނަމަވެސް ފާރޯ އައިލެންޑްސްގެ ސަރުކާރުން ވަނީ އެ ހަރަކާތުގައި އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދަކާ ހިލާފުވެފައި ނުވާ ކަމަށާއި ހަރަކާތް ކުރިއަށްގެންދިޔައީ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ބުނެފައެވެ. އަދި މަސް މެރުމަށް ފަހު، އެ މަސް އެ ރަށްތަކުގެ ރައްޔިތުންނަށް ހިލޭ ބަހާކަން ސަރުކާރުން ފާހަގަކުރިއެވެ.