އައްޑޫ ސިޓީން: މުހައްމަދު ހަސަން

މި މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީ އިން ބޭއްވި މުޒާހަރާއާ ވިދިގެން އައްޑޫ ސިޓީން ހުޅުޖަހާފައިވާ އިމާރާތްތައް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު މެންދުރު ބައްލަވަލައިފި އެވެ.

ރައީސް ވަހީދު މިއަދު އައްޑޫ ސިޓީ އަށް ފެއްޓެވި ދަތުރުފުޅުގައި ގަމަށް ވަޑައިގަތުމަށް ފަހު ދެންވަޑައިގަތީ ހުޅުމީދޫ އަށެވެ. ހުޅުމީދޫން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނުމަރުހަބާއެއް ދަންނަވައިފަ އެވެ. ހުޅުމީދުގެ ރައްޔިތުންނާއި އަތޮޅު މަދަރުސާގައި ބައްދަލުކުރެއްވުމަށް ފަހު ރޯކޮށްލާފައިވާ ކޯޓު އިމާރާތް ރައީސް ބައްލަވައިލެއްވި އެވެ.

ރައީސުލްޖުމުހޫރިއްޔާ ހުޅުމީދޫން ފުރާވަޑައިގަތުމަށް ފަހު ދެންވަޑައިގަތީ ފޭދޫ އަށަވެ. ފޭދު އަށް ވަޑައިގަތުމުން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށް ރައީސުލްޖުމުހުރިއްޔާގެ ކާރު ފަސްދީދިޔަ ހިސާބުން ފެންފުޅިތަކެއް އުކައިފަ އެވެ.

ރައީސުލްޖުމުހުރިއްޔާ ފޭދޫން ގަމަށް ވަޑައިގެން އެމްއެންޑީއެފް ސަދަން ހެޑްކުއާޓާޒަށް ވަޑައިގެން އެތަނުގައި ސިފައިންނާއި ފުލުހުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. ރައީސްގެ ވާހަކަފުޅުގައި މި މަހުގެ އަށް ވަނަ ދުވަހު ފުލުހުންގެ އިމާރާތްތަކުގައި ހުޅުޖެހުމުން ފުލުހުންގެ އަމިއްލަ ބައެއް އިލެކްޓްރޯނިކް ސާމާނާއި އަންނައުނު އަނދައިގެން ގޮސްފައި ވާތީ ފުލުހުންނަށް އެމީހުން އަތުން ގެއްލުންވި ސާމާނު ސަރުކާރުން ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ ނޯދަން ކޮމާންޑް ބުރިގޭޑިއާ ޖެނެރަލް އިބުރާހިމް ދީދީ ވިދާޅުވީ ސިފައިންނަކީ އެއިރެއްގައި އޮންނަ ގާނޫނީ ސަރުކާރު ހިމާޔަތްކުރައްވާނެ ބައެއް ކަމަށާއި ގައުމުގައި ސުލްހަ މަސްލަސްކަން ހިފެހެއްޓުމަށް ސިފައިން ނާއި ފުލުހުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެއަށް ފަހު އަންދާލާފައިވާ ގަން ޕޮލިސްސްޓޭޝަން ބައްލަވާލެއްވުމަށް ފަހު މަރަދޫ ފޭދޫ އަށް ޒިޔާރަތްކުރައްވައި ބިއްލޫރިތައް ތަޅާލާފައިވާ އެ ރަށު ކޯޓު ބައްލަވާލެއްވުމަށް ފަހު މަރަދުއަށް ވަޑައިގެން އަންދާލާފައިވާ މަރަދޫ ކޯޓް ބައްލަވާލުމަށް ފަހު ހިތަދުއަށް ވަޑައިގެން އަންދާލާފައިވާ ހިތަދޫ ކޯޓާއި، ހިތަދޫ ޕޮލިސްޓޭޝަނާއި ޕޮލިސް ޓްރެއިން ސްކޫލާއި ކުރީގެ އޯޑިޓް އޮފީސް ]ފުލުހުންގެ އެކޮމެޑޭޝަން ބޮލޮކާއި[ ގެއްލުން ދީފައިވާ އޯޑިޓް އޮފީސް ވަނީ ރައީސް ބައްލަވާލައްވާފަ އެވެ.

ރައީސުލްޖުމުހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ހޮސްޕިޓަލަށާއި ފެމެލީ އެންޑްޗިލްޑްރަންސް ސާވިސް ސެންޓަރަށާއި ސްޓޭޓް ހައުސް އަށް ވަނީ ޒިޔާރަތްކުރައްވައިފަ އެވެ.

އައްޑޫ ސިޓީގެ ހިތަދޫގެ ރައްޔިތުންނާ މިރޭ ހިތަދޫ، ޝަރަފުއްދީން ސްކޫލްގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.