16 Sep 2021, 11:43
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޕީޕީއެމްގެ މުޒާހަރާއެއްގައި ބައިވެރިވެޑައިގެން، ގޭބަންދުގެ އިގުރާރާ ހިލާފުވުމުން އެޅި ފިޔަވަޅަކީ ނަސޭހަތް ދިނުން ކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ރައީސް ޔާމިނަށް ފިޔަވަޅު އެޅީ ޖަލުތަކާ ޕެރޯލްއާ ބެހޭ ގާނޫނުގެ އެއް ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ، ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ޖަމާއަތް ހެދުމާ ބެހޭ މާއްދާއާ ހިލާފުވުމުން ކަމަށެވެ.
އެ މާއްދާގައި ވަނީ، ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ލިބިގެން ނުވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައާ ގުޅިގެން، އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ރައީސް ޔާމީނަށް ނަސޭހަތް ދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ދެން އަޅާނެ ފިޔަވަޅެއް އެ އިދާރާއިން ހާމަ ނުކުރެއެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި "އިންސާފު ހޯދުން" މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގައި ހުންނަވައިގެންނެވެ. އެގޮތުން ޕީޕީއެމްގެ ދިދައަކާއި ގައުމީ ދިދައެއް ހިއްޕަވައިގެން އެ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވަން ޔާމީން ހުންނެވިއެވެ.
އެ ގާނޫނަށް އެ އިސްލާހު ގެނެސްފައި ވަނީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.