ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިސްތިއުފާދެއްވާ އިންތިހާބެއް އަވަސްކުރުމަށް ސަރުކާރާ ދެކޮޅަށް އެމްޑީޕީން މާލޭގެ މަގުތަކުގައި ހިނގާލައިފި އެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި އެ ހިނގާލުމުގައި އަޑު އުފުލާފައި ވަނީ އަދުލުއިންސާފު ގާއިމު ކުރުމަށާއި ރައީސް ޑރ. ވަހީދު އިސްތިއުފާ ދެއްވުމަށާއި ސަރުކާރު ވައްޓާލުމުގައި އިސްކޮށް އުޅުނު ފަރާތްތައް ހައްޔަރުކޮށް އަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.

އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން އިސްސަފުގައި ތިބެ ޝުއޫރުފާޅުކުރަމުން ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުގަ އެވެ. އެއްވުން ނިންމާލީ ރާޅުގަނޑު ސަރަހައްދަށެވެ.

އެ ސަރަހައްދުގައި އެމްޑީޕީގެ މެންބަރުންނާ މުހާތަބުކުރައްވައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ކޮރަޕްޓް ނުވެ އޮތީ ގާނޫނު ހެދުމުގެ ބާރު ކަމަށާއި ރައްޔިތުން މަޖިލީހުގެ މައްޗަށް މީހުންގެ އިތުބާރު ގެއްލުނަ ނުދެއްވާނެ ކަމަށެވެ.

"ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ވަހީދަށް އަޅުގަނޑުމެން ނުދޭނަން،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ބައިވެރިވި ހިނގާލުމެއް އެމްޑީޕީން އިއްްޔެވެސް ވަނީ ބާއްވާފަ އެވެ. މި އެއްވުމުގައި ވެސް އެމްޑިޕީގެ ގިނަ މެންބަރުންތަކެއް ބައިވެރިވެފައިވެ އެވެ. ރިޔާސީ އިންތިހާބު އަވަސްކުރުމަށް ގޮވާލާ މި މަހުގެ 17 ފެށިގެން ރާޅުގަނޑު ސަރަހައްދުގައި އެޕާޓީން އަންނަނީ މުޒާހަރާ ކުރަމުންނެވެ.