ސަންޢާ (ފެބްރުއަރީ 26) : ޔަމަންގެ އިންތިޤާލީ މަރްޙަލާގެ ރައީސަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޢަބްދުރައްބުމަންސޫރުހާދީ ރައީސް ކަމުގެ ޤާނޫނީ ހުވާ ކުރައްވައިފި އެވެ.

ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ހާދީ ވިދާޅުވީ މިއީ ޤައުމު ހަމަހިމޭންވާންޖެހޭ ވަގުތު ކަމަށާ އަދި މިއީ ހުރިހާ ފަރާތްތަކަކުންވެސް މާޒީގެ ދޫކޮށްލުމަށްފަހު އައުސަފްޙާއެއް ފަށަންޖެހޭ ވަގުތުކަމުގަ އެވެ.

ހާދީ ހުވާކުރެއްވުމުގެ ކުރިން ޔަމަންގެ ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްވަނީ މަޖްބޫރު ވެވަޑައިގެން ދައުރު ފުރިހަމަ ނުކުރައްވައި މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ. ހާދީ މަޤާމުގެ ހުވާކުރެއްވި ވަގުތު ޔަމަންގެ ދެކުނުގެ މަކްލާގައި ހުރި ރިޔާސީ ގަނޑުވަރެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 26 މީހުންވަނީ މަރުވެފަ އެވެ.

ހާދީއަކީ ޔަަމަނަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި ދުސްތޫރަށް ގެންނަންޖެހޭ ބަދަލުތައް ގެނަސް އަލުން އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމަށް ބޭނުންވާ އިންތިޤާލީ މަރްޙަލާގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ރައީސެވެ. މިކަމަށްޓަކައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ހާދީއަށް 99 ޕަސެންޓް ލިބިފައިވާ ކަމަށް އިންތިޚާބުތަކާބެހޭ އެންމެ މަތީ ކޮމިޓީން ބުނެ އެވެ.

ހާދީ ވަގުތީ ރައީސަކަށް އިޚްތިޔާރުކުރީ ޔަމަންގެ ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ހުރިހާ ފަރާތްތަކަކާ އަދި ސާލިޙްގެ ޕާޓީވެސް އެއްބަސްވެގެންނެވެ. މިކަމަށް އެއްބަސްވީ ސާލިޙް މަޤާމުން އިސްތިއުފާ ދެއްވައި ޔަމަނަށް ހަމަޖެހުން ގެނައުމަށްޓަކައި ގަލްފުގެ ޢަރަބި ޤައުމުތައް އިސްނަގައިގެން އެކުލަވާލާފައިވާ ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ސާލިހް ގެ ވެރިކަމުގެ ބާރުތައް މީގެދެމަސްބައި ކުރިންވަނީ އޭރުގެ ނައިބުރައީސް ޢަބްދުރައްބުމަންސޫރު ހާދީ އާ ޙަވާލުކުރެވިފައެވެ. ޔަމަންގެ އިންތިޤާލީ މަރްޙަލާގެ މުއްދަތަކީ ދެއަހަރެވެ. ހާދީއަކީ ސިފައިންގެ ޚިދްމަތުގައި ކުރިން އުޅުއްވި ޖެނެރަލެކެވެ. އޭނާ މަތީ ތަޢްލީމް ޙާސިލްކުރައްވާފައިވަނީވެސް ޢަސްކަރީ ރޮނގުންނެވެ.

ޔަމަންގައި 33 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ވެރިކަމުން ދުރުކުރުމަށްޓަކައި މީގެއަހަރެއްހާ ދުވަސްކުރިން އެޤައުމުގައި ހިނގަމުންދާ ސިޔާސީ ގަޑުބަޑުގައި މިހާތަނަށް ހާހަކަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. (އަލްޖަޒީރާ)