ސަންޔާ (ފެބްރުއަރީ 26) : މާލީގޮތުން އިނދަޖެހެމުންދާ ޔޫރަޕަށް އެހީވުމުގެ ކުރިން ހުޅަނގުގެ ކޮންޓްރޯލްގެ ދަށުގައިވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިސްލާޙް ކުރަންޖެހޭ ކަމަށް އިގްތިސާދީ ބާރަކަށް ވަމުންއަންނަ ބްރަޒިލްއިން ބުނެފި އެވެ.

ޗައިނާގެ ރެސޯޓް ރަށެއް ކަމަށްވާ ސަންޔާގައި މިއަދު ފެށުނު "ބްރިކްސް" ގެ ޤައުމުތަކުގެ ސަމިޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބްރަޒިލްގެ މާލީ ވަޒީރު ގީޑޯ މެންޓެގާ ވިދާޅުވީ އައިއެމްއެފް އިސްލާޙް ކުރަންޖެހޭ ކަމަށާއި އެފަންޑް މިހާރުއޮތީ އަދުގެ ދުނިޔޭގެ އިގްތިސާދީ ހަގީގަތާ މާދުރުގައި ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ހާލަތުގައި ކަމުގަ އެވެ.

"ބްރިކްސް" ގެ ގައުމުތަކަކީ ދުނިޔޭގައި މިހާރު އިގްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުންދާ 5 ގައުމު ކަމަށްވާ ޗައިނާ، ރަޝިޔާ، އިންޑިޔާ، ބްރަޒިލް އަދި ދެކުނު އެފްރިކާ އެވެ. މިއީ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ހަލުއިކަމާއެކު ކުރިއަރަމުންދާ 20 ގައުމު ކަމަށްވާ ޖީ 20 ގައިވެސް ހިމެނޭ އެންމެ މުހިއްމު އަދި އެންމެ ބަރުގަދަ 5 ގައުމެވެ. މިއީ، ކުރިޔަށްއޮތް 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ބޮޑެތި އިޤްތިސާދީ ބާރުތަކަށް ވެގެންދާނެ ކަމަށް ބެލެވިފައިވާ 5 ގައުމުވެސް މެ އެވެ.

މި ފަސް ގައުމުގެ ތެރޭގައި ހިމެނޭ ޗައިނާ، 2019 ވަނަ އަހަރު އެމެރިކާގެ މައްޗަށް އިގްތިސާދީ ގޮތުން ކުރިހޯދާނެ ކަމަށް ބެލެވިފައިވާއިރު އިންޑިޔާއާއި ރަޝިޔާ އޮންނާނީ ދުނިޔޭގެ އިގްތިސާދީ 3 ވަނަ ބާރާއި 4 ވަނަ ބާރުގެ ގޮތުގައި ކަމަށާއި އެމެރިކާ އޮންނާނީ 2 ވަނަބާރުގެ ގޮތުގައި ކަމަށާ ޖަޕާން އޮންނާނީ 5 ނޫނީ 6 ވަނަ ބާރުގެ ގޮތުގައި ކަމަށް އިގްތިސާދީ ލަފާކުރުންތައް ދައްކަ އެވެ.

ބްރިކްސްގެ ގައުމުތަކުގެ ސަމިޓްގައި ވާހަކަ ދައްކަވަމުން ބްރަޒިލްގެ މާލީ ވަޒީރު ހުޅަނގަށް ގޮވާލެއްވީ ދުނިޔެ ދައްކަމުން ގެންދާ އިޤްތިސާދީ ހަގީގަތްތަކަށް ބަލައިގެން އައިއެމްއެފް އޮނިގަނޑު އިސްލާޙުކޮށް އެފަންޑްގެ ބާރުތައް ތަރައްގީވަމުން އަންނަ ގައުމުތަކާއެކު ހިއްސާކުރުމަށާއި ޔޫރަޕަށްވެސް މިނޫންގޮތެއް ދެން ނޯންނާނެ ކަމުގަ އެވެ.

ހާއްސަކޮށް އައިއެމްއެފް ގެ ވޯޓިން ޕަވާ ގެ އިތުރު ކޯޓާ ކުރިއަރަމުން އަންނަ ގައުމުތަކަށް ދިނުމަށާއި ހުޅަނގުގެ މޮނޮޕޮލީ އެފަންޑުން ކަނޑުވާލުމުގައި އެއްބާރުލުން ދިނުމަށް އޭނާ ޔޫރަޕަށް ގޮވާލެއްވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޔޫރަޕަށް ކުރިމަތިވެފައިވާ މާލީ އަޑިގަނޑުން ސަލާމަތްވުމަށް ޓަކައި ބްރިކްސްގެ ގައުމުތަކުން ޔޫރަޕަށް މާލީ އެހީ ފޯރުކޮށްދެވޭނީ އައިއެމްއެފް އިސްލާޙް ކުރުމަށްފަހުގައި ކަމަށްވެސް ބްރަޒިލްގެ މާލީ ވަޒީރު ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)