15 Sep 2021, 12:43
ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީ ކުރުމަށް، 5،000 އަށް ވުރެ ގިނަ މެންބަރުންގެ ފޯމާއެކު އިލެކްޝަންސް ކޮމިޝަންސް (އީސީ)އަށް ހުށަހަޅައިފިއެވެ.
އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގެ މީހުން ހިމެނޭ ގޮތަށް މެންބަރުން ހަމަކޮށް، ދުނިޔޭގެ ޑިމޮކްރަސީ ދުވަހު އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްއެންޕީން ބުނީ އެ ޕާޓީ އުފެއްދުމުގެ މަގްސަދަކީ ދިވެހީންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހިން އެދޭ ކަންކަން ފުރިހަމައަށް ހާސިލް ކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހްތިޔާރާއި ހައްގުތައް ބޭނުންކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.
"އެމްއެންފީގެ އުންމީދަކީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވިހާ އަވަހަކަށް އެ ޖަލްސާ ބާއްވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން. އަދި މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދިހަ ހާސް މެންބަރުން ހަމަކޮށް އެމްއެންފީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުން،" އެމްއެންޕީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ޕާޓީން ވަނީ ގައުމީ ފިކުރަށް ތާއީދު ކުރާ ހުރިހާ ދިވެހިންނަށް އެ ޕާޓީއާ ގުޅުމަށް ދައުވަތު ދީފައެވެ.