26 Feb 2012, 16:28
ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދިޔަކަ ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫސިޓީ އަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގައި ތިއްބެވި ސިފައިންނާއި ފުލުހުންނާ މިއަދު މެންދުރު ފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގަމުގައި ހުންނަ ސަދަން ކޮމާންޑްގައި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނަށާއި ސިފައިންނަށް ޣައިރު ގާނޫނީ އަމުރެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ، ގާނޫނާ ހިލާފު ކަމެއް ކުރަން ވިދާޅުނުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި މަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރަކީ، އެއީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ފެނިގެންދާން ޖެހޭނެ މަންޒަރެއް ނޫން. އަދި އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ދުވަހަކުވެސް އިރާދަކުރެއްވިއްޔާ، މި ރާއްޖޭގައި ރާއްޖޭގެ ފުލުހުންނަށާއި ސިފައިންނަށް، އެބާވަތުގެ ކަންތައްތަކެއް ކުރިމަތިވެގެން ނުދާނެ ކަމަށް އަޅުގަނޑު އުންމީދުކޮށް ދުއާ ދަންނަވަން"، ރައީސް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންގެ ގައުމީ ހިދުމަތްތައް އަލިއަޅުވާލައްވަމުން، އެބޭފުޅުންނަކީ ވަރަށް ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތްކުރައްވާ ބޭފުޅުންކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި، އެއީ މިގައުމުގެ ޒުވާނުންގެ ތެރޭގައި ހިމެނޭ ތައުލީމީ، ތަޖްރިބާކާރު، އެންމެ ކެރޭ ބޭފުޅުން ކަމުގައި ވެސް ވިދާޅުވި އެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ގައުމުގެ ހިދުމަތުގައި، ގައުމުގެ ދިފާއުގައި އެބޭފުޅުން އެކުރައްވާ އުނދަގޫ މަސައްކަތް އަޅުގަނޑުމެން ވަރަށް އިހުތިރާމާއެކީގައި ބަލައިގަންނަ ކަމަށާއި، އެބޭފުޅުންގެ އެ ހިދުމަތްތަކާ ދޭތެރޭގައި ދިވެހި ގައުމުގެ އެއްވެސް ރައްޔިތަކު، ޝައްކުކުރާނެ ކަމަށް ހީފުޅުނުކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ގަމުން، ރައީސް ވަޑައިގަތީ މަރަދޫފޭދޫއަށާއި މަރަދޫއަށެވެ. އެ ދެ ރަށަށް ވަޑައިގެން އެ ދެރަށުގެ ކޯޓް ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެތަންތަނަށް މިމަހުގެ 8 ވަނަ ދުވަހު ދީފައިވާ ގެއްލުންތައް ބައްލަވާލެއްވި އެވެ.