15 Sep 2021, 14:34
ގދ. ފަރެސްމާތޮޑާއިން ދެ ކޭސް ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފަރެސްމާތޮޑާއިން އެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ އިންޓެލިޖެންސާއި ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިއެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފަރެސްމާތޮޑާއަށް ބަނގުރާ އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބުމުންނެވެ.
އެ އޮފަރޭޝަނުގައި ހައްޔަރު ކުރީ 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ. އެ ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އަދި އެ މީހުން ހުއްޓުވައި، ބަލައި ފާސްކުރި އިރު ދެ ކޭސް ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ ތިން މީހުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައިއެވެ.
މީގެ އިތުރުން ފަރެސްމާތޮޑާގެ ފުލުހުން ދަނީ އެ މއްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.