އެމްޑީޕީން މުޒާހަރާ ކުރާ ސުނާމީ ބިނާ ސަރަހައްދު މާޗު މަސް ނިމެންދެން އެމްޑީޕީއަށް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ މެންބަރަކު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ އަންނަ މަސް ނިމެންދެން އެ ސަރަހައްދު އެމްޑީޕީއަށް ދީފައި ވަނީ އެފަދަ ތަންތަން ދޫކުރުމަށް ސިޓީ ކައުންސިލުން ގެންގުޅޭ އުސޫލުގެ ދަށުން ކަމަށާއި އެފަދަ އާންމު ތަންތަނުގައި އެފަދަ ހަރަކާތްތައް ބޭއްވުމަށް އެހެން ބަޔަކު އެދޭ ނަމަ ސިޓީ ކައުންސިލުން ފުރުސަތުދޭނެ ކަމަށެވެ.

"ގަވާއިދުގެ ދަށުން އަޅުގަނޑުމެން އެމްޑީޕީއަށް އެ ސަރަހައްދު ދޫކުރީ. ފުރަތަމަ އެދިފައި އޮތީ އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭ އެތަނުގައި ހިންގާ ކަންކަން ނިންމަން. އެކަމަކު އެބޭފުޅުން މުއްދަތައް އެދުނީމައި މި ދޫކުރީ،" މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރުބާރުގެ އެމްޑީޕީން ބޭނުން ކުރަނީ އެރެއަކު ހުސްވާ މާލަމެއް އޮންނަ ރޭޓަކުން ކުއްޔަށް ހިފައިގެން ކަމަށެވެ. ނަމަވެސް ސުނާމީ ބިނާ ސަރަހައްދަކީ އާންމު ސަރަހައްދަކަށް ވުމުން އެ ސަރަހައްދު އެމްޑީޕީން ގިނަ ދުވަހަށް ބޭނުން ކުރިއަސް ފީއެއް ނެގެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ބަޔަކު ބޭނުން ކުރިއަސް އެއީ ފީނަގާ ތަންތަނުގެ ތެރޭގައި ހިމެނިފައެއް ނެތް. އެހެންވީމާ ]ފީއެއް[ ނުނެގޭނެ ނޫންތޯ، އެހެންވާނީ އެހެން ބަޔަކު އެކަން ކުރިއަސް. އެކަމަކު ދަރުބާރުގެ އޮންނަ ރޭޓުން ހަމަ ފީނަގަން،" މެންބަރު ވިދާޅުވި އެވެ.

އެމްޑީޕީން ސުނާމީ ބިނާ ހިމެނޭ، ލޮނުޒިޔާރަތްކޮޅު ސަރަހައްދު މިހާރު ބޭނުން ކުރާ ގޮތަށް ބޭނުންކުރަން ފެށީ ފެބުރުއަރީ 17 ގައި ސަރުކާރާ ދެކޮޅަށް އެޕާޓީން ބޭއްވި "އިންސާފުގެ ދަތުރު" މުޒާހަރާ ނުހުއްޓައި ކުރިއަށް ގެންދަން ފެށުމުންނެވެ. އެ ސަރަހައްދުގައި އެމްޑީޕީ މީހުން އަންނަނީ ޓެންޓް ޖަހައިގެން ނިދުމާއި ކެއުމާއި މުނިފޫހި ފިލުވުމުގެ ކުޅީވަރުތައް ވެސް ބާއްވަމުންނެވެ. އަދި ބައެއް އެއްޗިހި ވިއްކުމަށް ކެންޓީނު ޒާތުގެ ތަންތަން ވެސް އެމްޑީޕީން ވަނީ ހަދާފަ އެވެ.