15 Sep 2021, 09:28
މުސްކުޅި ހަރުބަހެއް ކަމުގައިވާ، ދުނިޔޭގެ ރަސްކަން ލިބުނަސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތާނުލުމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިިގިލީ ދާއިރާ މަޖިލީސް މެމްބަރު ޤާސިމް އިބްރާހީމް، ނަސޭހަތް ދެއްވައިފިއެވެ.
ޖޭޕީއަށް މެމްބަރުން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން އެޕާޓީ އާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމާ ހަވާލުވުމަށް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހޯދައިދިނުމުގެ އިތުރުން، އެ ހިސާބަށް ނާޒިމް ގެނެސްދިނީ ކާކުކަން ވެސް ހަނދާން ނެތިއްޖެ ކަމަށެވެ.
އެހެން ނޫން ނަމަ މިއަދު ނުކުމެ ހަޑިހުތުރު ވާހަކަތައް ދައްކާ ޕާޓީ ބަދުނާމް ކުރަން ނުކެރުނީސް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. އަދި ނާޒިމަކީ މީހުން ކޮށްދޭ ހެޔޮ ކަންތަކުގެ އަގު ވަޒަން ކުރަން ނޭނގޭ ވަރަށް ދަށުދަރަޖައިގެ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ.
"އަބަދުވެސް މުސްކުޅިން ބުނެއުޅޭ ވާހައެއް އޮންނާނެ ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތާ ނުލާށޭ ދުނިޔޭގެ ރަސްކަން ލިބޭ ދުވަހު ވެސް. މިކަން ނާޒިމް ހަނދާނެއް ނުނެތޭތޯ؟ ނާޒިމް އެހިސާބަށް ގެނެސްދިނީ ކާކުތޯ؟ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހޯދައިދިނީ ކާކުތޯ؟ އޭނާއަށް އަޅުގަނޑުގެ ޕޮލިޓިކަލް އެޑްވައިޒަރުކަން ނުދެންތޯ؟ ރައްޔިތުންގެ މަޖިލީހުގެ ލީޑަރުގެ ނައިބުކަން އޭނާއަށް ހަވާލެއް ނުކުރަންތޯ؟،" ޤާސިމް ވިދާޅުވިއެވެ.
"ދެން މިއަދު ނުކުމެ އެމީހުން ފާޑުފާޑުގެ ހަޑިހުތުރު ވާހަކަދައްކަން ލަދުގަންނަން ޖެހޭނެ އިނގޭތޯ"
ޤާސިމް ވިދާޅުވީ މީހަކު ދައްކާހާ ވާހަކައަކަށް ރައްދު ދެއްވުމަކީ، އާއްމު ގޮތެއްގައި ކުރައްވާ ކަމެއްވެސް ނޫން ކަމަށާއި ނަމަވެސް ނާޒިމްގެ ވާހަކަ ތަކަށް އެއްޗެއް ވިދާޅުވާން މަޖުބޫރުވީ އެ ދައްކަވާ ދޮގު ވާހަކަތަކުގެ ހަގީގަތް އާއްމު ރައްޔިތުންނަށާއި ޕާޓީގެ މެމްބަރުންނަށް، އޮޅުންފިލުވައިދިނުން ކަމަށެވެ.

ޖުމްހޫރީ ޕާޓީން މ ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން ---
އޭނާ ވިދާޅުވީ ޕާޓީގެ ސްލޮޓެއްގައި މަޖިލީހަށް ހޮވުމަށްފަހު، ދެން ނުކުމެ، ޕާޓީ ބަދުނާމްވާ ޒާތުގެ ހަގީގަތާ ހިލާފު ހަޑިހުތުރު ވާހަކަތައް މީޑިއާގައި ފެތުރުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށެވެ.
ޤާސިމް ވިދާޅުވީ ރައްޔިތުންގެ ތާއީދު ހޯދަންވެގެން ނުކުމެ، ހިތައް އެރިހާ އެއްޗެއް ކިޔަމުން ގެންދާއިރު، ސިޔާސީ މާހައުލުގައި ބުނަން ޖެހުނު ކޮންމެ އެއްޗެއްވެސް ބުނަން ކެރޭނެ ކަމަށެވެ.
"މީހުންގެ ތާއީދު ހޯދަން އެކަހަލަ އިތުފުޅު ހައްދަވާނެ ކަމެއް ނެތެއްނޫންތޯ. މިތަނަށް ނައިސް އެއްވެސް ކަމެއް ނުކޮށް. އެހެން ހުރެގެން އަޅުގަނޑު ޖަޒުބާތުގަ ޖެހެނިއްޔޭ ކައިޔައިގެން ހިތައް އެރިހާ އެއްޗެއް ކިޔާއިރުގަ މި ޕޮލިޓިކަލް މާހައުލުގަ ބުނަންޖެހުނު ކޮންމެ އެއްޗެއް އަޅުގަނޑުވެސް ބުނާނެކަން އެނގެންޖެހޭނެ. އަޅުގަނޑާ ދިމާލަށް އެކަތި ބުނިއްޔާ ދޭތިވެސް ތިނެތިވެސް ބުނަން ކެރޭނެ،" ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ވަކިވުމަށްފަހު، ނާޒިމް ގެންދަވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ޤާސިމް އިބްރާހިމްގެ ހަތަރު ވަނަ ޕޮލިޓިކަލް އެޑްވައިޒަރަކަށް ނާޒިމް ހަމަޖެއްސީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު، މ. ކުނޫޒްގައި ނާޒިމް ޖޭޕީއަށް ސޮއި ކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.