26 Feb 2012, 14:25
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ތާއީދާ އެކު 2008 ވަނަ އަހަރު އިންތިހާބްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އަލުން އަނބުރާ ރުޖޫއަ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރު ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ޑރ. ވަހީދުގެ ސަރުކާރަކީ ގައުމީ ދިފާއީ ބާރުތަކަކުގެ ތެރޭގައި ތިބި މަދު ބަޔަކު ބޭނުންކޮށްގެން، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެގެން އުފައްދާފައިވާ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް އެކައުންސިލުން ގަބޫލްކުރާ ކަމަށެވެ. އެކައުންސިލުން ވަނީ މިސަރުކާރު ބަލައިނުގަންނަ ކަން މީގެކުރިން ވެސް ބަޔާންކޮށްފަ އެވެ.
ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެމްޑީޕީން ކުރި މުޖާހަރާގައި ކަންތައްތައް ހިނގާދިޔަ ގޮތާއި، އެދުވަހު އައްޑޫ ސިޓީގައި ހިންގައި ދިޔަ ހަމަނުޖެހުންތަކަކީ އެމްޑީޕީން ސުލްހަވެރިކަމާ އެކު ކުރަމުން ދިޔަ މުޒާހަރާގެ ތެރެއަށް ބަޔަކު ވަދެ ހިންގާފައިވާ ކަމެއް ކަމަށާއި އެކަންތައް ގަނޑުގެ ތެރޭގައި އެ ސިޓީގައި ގާއިމްކޮށްފައިވާ ފުލުހުންގެ އިދާރާތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ހުޅުޖަހާފައި ވާތީ އެކަންތައް އެކައުންސިލުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ދެވަނަ އަށް ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީގައި އެ ދުވަހު ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން އެކަންތައްތައް ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާ ކަމަށް ބުނެ އެކަންތައް ވެސް އެކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.
އައްޑު ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ކަރާމާތާއި އަމާންކަން ދެމެހެއްޓުމަށް އެ ކައުންސިލުން ކުރާ މަސައްކަތުގައި އެހީތެރިވުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައި މި ވަނީ ރައީސް ޑރ. ވަހީދު އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މިއަދު އެސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ. މިއަދު ރައީސް އައްޑުއަށް ވަޑައިގަތުމުން، އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް މެންބަރަކު އެމަނިކުފާނުގެ އިސްތިގްބާލްގައި ނުކުމެވަޑައިގެންފައެއް ވެސް އެވެ.
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު ހިންގާދިޔަ ހަމަނުޖެހުންތަކުގައި އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކަށާއި ކޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިރު އެމައްސަލަތަކާ ގުޅިގެން އެސިޓީން 100 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ހައްޔަރުކުރި އެވެ.