14 Sep 2021, 19:07
އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ހަފްތާ ބަންދުގައި އެމެރިކާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.
އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން މިރޭ ފަށާނެއެވެ. އަދި އެ މަޖިލީހުގެ ރިޔާސަތާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާނެއެވެ.
އެ ސެޝަންގެ އާއްމު ބަހުސް ފަށާނީ އަންނަ އަންގާރަ ދުވަހުގައިއެވެ. އެ ބަހުސްގައި ގައުމުތަކުގެ ލީޑަރުން ތަގުރީރު ކުރައްވާ އިރު، ރައީސް ސޯލިހު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ ތިން ވަނަ އަށް ކަމަށް އާއްމު ބަހުސް ކުރިއަށްދާނެ ގޮތުގެ ވަގުތީ ލިސްޓުން ދައްކައެވެ.
އެއީ ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ފަހުގައިއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބަހުސްގައި ތަގުރީރު ކުރެއްވުމަށް މި ހަފްތާ ބަންދުގައި ރައީސް ނިއު ޔޯކަށް ފުރާ ވަޑައިގަންނަވާނެއެވެ. ނަމަވެސް ރައީސް އެނބުރި ވަޑައިގަންނަވާނެ ތާރީހެއް އަދި ކަށަވަރުވެފައި ނުވެއެވެ.
ރައީސް ސޯލިހު ވަނީ މީގެ ކުރިންވެސް އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާފައިއެވެ. އެއީ ސެޕްޓެމްބަރު 24، 2019ގައިއެވެ.
ރާއްޖެ އދ.ގެ މެންބަރަކަށްވީ ގައުމަށް މިނިވަންކަން ލިބުނުތާ 56 ދުވަސް ފަހުން، ސެޕްޓެމްބަރު 21، 1965 ގައިއެވެ.